ކުޅިވަރު

އުނދަގުލުން ނަމަވެސް، މާޒިޔާ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި


އެސް.ޓީ.އޯ މާލޭ ލީގުގައި ކުޅުނު ފަސް ވަނަ މެޗުވެސް ކާމިޔާބުކޮށް، ލީގުގައި މާޒިޔާގެ ސަތޭކަ ޕަސަންޓް މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ. މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ އާއި ވާދަކުރި މެޗު މާޒިޔާ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ.

މިމެޗުގެ ހަމައެކަނި ލަނޑު މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

ދެޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑު ޖަހާނެ މާރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނު މިމެޗުގައި ފުރަތަމަ ހާފްގައި ލިބުނު ކޯނަރަކުން މާޒިޔާ ކުޅުންތެރިއެއް ފޮނުވާލި ބޯޅަ ވަނީ ދަނޑީގައި ޖެހިފަ އަލުން ކުޅުމުގެ ތެރެއަށް އައިސްފައެވެ.

ދެވަނަ ހާފްގައި މާޒިޔާ ކުޅުން ރަނގަޅުވެގެންދިޔައީ އައްސަދު އަލީގެ ބަދަލުގައި ހުސެއިން ނިޔާޒް(ބޮކުރީ) ކުޅެން ނިކުތް ހިސާބުންނެވެ. ކުޅެން ނިކުތުމަށްފަހު ލިބުނު ފުރަތަމަ ބޯޅައިގައި ނަގައިދިން ހުރަސް މުހައްމަދު އުމެއިރު ގޯލުގެ ތެރެއަށް ވައްދާލިއެވެ. އެހެންނަމަވެސް އުމެއިރު ހުރީ އޮފްސައިޑްގައެވެ.

މާޒިޔާއިން މެޗުގައި ޖެހި ލަނޑުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި ހުސެއިން ނިޔާޒްއެވެ. އަސަދުﷲ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ހުސެއިން ނިޔާޒްގެ ރީތި ހުރަހަކުންނެވެ.

މެޗަށްފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހުވެސް ވަނީ ހުސެއިން ނިޔާޒް ކުޅެން ނިކުތުމުން ޓީމަށް އުނދަގޫތަކެއް ވިކަން ފާހަގަކޮށްފައެވެ.

"މިއަދު މެޗުގައި ފެނުނީ ތަޖްރިބާ މަދު ތަންކޮޅު،. ވަރަށް ރަނގަޅަށް ހުރިހާ ކުޅުންތެރިންވެސް ކުޅުނު. އެހެންނަމަވެސް މިލެވަލްގައި ތަޖްރިބާ މަދުވުމުގެ ސަބަބުން މެޗުން ބަލިވީ. ބޮކުރީ ކުޅެން ނިކުތް ހިސާބުން ޑިފެންސް ލައިންގައި ތިބި ކުޅުންތެރިނަށް ހަދަންވީގޮތް ނޭންގުނީ." މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ނަޒީހު ބުންޏެވެ.

މިމެޗުން މޮޅުވި މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ މެޗަށް ފަހު ވަނީ އޭނާ ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމަށް މަރުހަބާ ކިޔާފައެވެ.

"އެންމެ ފުރަތަމަވެސް ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް މަރުހަބާ ކިޔަން ބޭނުންވަނީ. މިހާގިނަ މެޗުތަކެއް ގާތްގާތުގައި ކުޅުމަކީ ފަސޭހަކަމެއް ނޫން. ބައެއް ފަހަރު ސިކުނޑިއަށް ހަދަންވީގޮތް އިނގުނަސް ހަށިގަނޑު މަސައްކަތް ނުކުރާފަހަރުވެސް ދާނެ. އެއީ ގިނަމެޗުތަކެއް ކުޅެން ޖެހުމުން ދިމާވެދާނެ ކަމެއް."

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާއިން ވަނީ ލީގު ތާވަލްގެ އެންމެ ކުރީގައި އޮތް ނިއުރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން  އަރާ ހަމަކޮށްފައެވެ. މިދެޓީމަށްވެސް މިހާރު ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ. އެހެންނަމަވެސް މާޒިޔާ ފަނަރަ ޕޮއިންޓް ހޯދާފައި ވަނީ ނިއުރޭޑިއަންޓަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.