ކުޅިވަރު

ވ.ރަކީދޫ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި


ވ.ރަކީދޫ ޒުވާނުން ޤާއިމްކުރި ފުޓްސަލް ދަނޑު ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.

އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ރަކީދޫ ޒުވާނުން ޤާއިމްކުރި މި ދަނޑު ހުޅުއްވައި ދެއްވީ މިދަނޑު ހެދުމުގައި އެންމެ ބޮޑު އެހީތެރިމެއް ވެދެއްވި ޤައުމީ ޓީމާއި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކެޕްޓަން މުޙައްމަދު އިބްރާހީމް ( ކައްޕި )އެވެ. ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން ކައްޕި ވިދާޅުވީ ރަކީދޫގައި ޤާއިމް ކުރެވިގެންދިޔަ ފުޓްސަލް ދަނޑަކީ ރާއްޖޭގެ އެހެން ރަށްރަށަށް ވަރަށް ރަނގަޅު ނަމޫނާއެއް ކަމަށެވެ. މީސްކޮޅު މަދު ނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކުރެވޭނެކަން ރަކީދޫ ޒުވާނުން ދައްކުވައިދީފި ކަމަށެވެ. ވަރަށް އާދައިގެކޮށް ދެކެވުނު ވާހަކައެއް މިއަދު ޙަޤީޤަތަކަށްވެ ނިންމާލެވުނީ މީސްކޮޅު މަދުނަމަވެސް ރަކީދޫގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ކައްޕި ފާހަގަކުރެއްވިއެވެ.

" މީ ޙަޤީޤަތުގައިވެސް ވަރަށްބުރަ އަދި އެހާމެ ބޮޑު މަސައްކަތެއް. މިކަމުގެ ޙައްޤު ޝުކުރު އޮތީ ރަކީދޫ ޒުވާނުންގެ އިތުރުން ކުދިބޮޑު އެންމެނަށް. މި ދަނޑު ނިންމުމަށް އަޅުގަނޑަށް ވެވުނު ވަރަކުން ވާނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި އިރާދަކުރެއްވިއްޔާ އަންހެން ބޭފުޅުންނަށް ބަށި ކޯޓެއް އެޅުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށޭނެ ކަމުގެ ފެހި ސިގްނަލް ކައުންސިލުން ދެއްވާފައިވޭ. އިރާދަކުރެއްވިއްޔާ އެކަމުގައިވެސް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް އަޅުގަނޑު ފޯރުކޮށްދޭނަން. " ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން މުޙައްމަދު އިބްރާހީމް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14934685270117.jpg|ރަކީދުއާއި ފެލިދޫގެ ޒުވާނުން ކުޅުނު އެކުވެރިކަމުގެ ފުޓްސަލް މެޗްގެ ތެރެއިން - ފޮޓޯ/ޕީއެސްއެމް

ރަކީދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ ޙުސައިން މުޢާޒްބުނުއްވީ މީ ވަރަށް ގިނަ ދުވަހު ދެކެމުންއައިި ހުވަފެނެެއް ކަމަށެވެ. ޚާއްސަކޮށް މީސްކޮޅުމަދު ރަށަކަށްވެފައި ވ.އަތޮޅުގައި މިފެންވަރުގައި ޤާއިމް ކުރެވުނު ފުރަތަމަ ފުޓްސަލް ދަނޑުކަމުން އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. މިކަމުގައި ކައްޕި މުޙައްމަދު އިބްރާހީމް ކޮށްދެއްވި އަގުހުރި މަސައްކަތް ފާހަގަކޮށް މުއާޒް ޝުކުރު އަދާކުރެއްވިއެވެ. އަދި މީގެ އިތުރުން ސޯސަން ސްޓޯރުގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެފަރާތަށްވެސް މުޢާޒް ޝުކުރު އަދާކުރެއްވިއެވެ. މި ދަނޑަށް ދީފައިވާ ނަމަކީ ސޯސަން ސްޓޯރުން ރާއްޖެ އެތެރެކޮށް މާކެޓް ކުރަމުން އަންނަ ޔޯގަޓެއް ކަމަށްވާ ޕަސްކޯލްގެ ނަމުންނެވެ. ޕަސްކޯލް ފުޓްސަލް ދަނޑު ހުޅުވުމަކީ ރަކީދޫގެ އިތުރުން ވ.އަތޮޅުގެ އެހެން ރަށްތަކުގެ ޒުވާނުންނާ ދެމެދު އޮންނަ އެކުވެރިކަން ކުރިޔަށް އޮތްތަނުގައި ވަރަށްބޮޑަށް އާލާވެގެންދާނެ ކަމެއް ކަމަށް ރަކީދޫ ޒުވާނުން ފާހަގަކުރެއެވެ. img:http://s3.psmnews.mv/images/660x400/14934685832410.jpg|ރަކީދުއާއި ފެލިދޫ ޒުވާނުންގެ ފުޓްސަލް ޓީމް - ފޮޓޯ/ޕީއެސްއެމް

މިދަނޑު ހުޅުވުމުގެ ގޮތުން ރަކީދޫ ޒުވާނުންނާއި ފެލިދޫ ޒުވާނުންގެ ޓީމަކާ ދެމެދުވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗް 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ފެލިދޫ ޒުވާނުންނެވެ.