ކުޅިވަރު

މާޒިޔާ ވަރުގަދަ، އެކަމަކު ބަލިކުރެވޭނެ - ނަޒީހު


މާޒިޔާ ކިތަންމެ ވަރުގަދަ ނަމަވެސް އެޓީމް ބަލި ކުރެވިދާނެކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނެފިއެވެ. 

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނަޒީހު ބުނީ ބިދޭސީ ކުޅުންތެރިންނާއެކު މާޒިޔާއަކީ މިހާރު ރާއްޖޭގެ ޤައުމީ ޓީމަށް ވުރެވެސް ވަރުގަދަ ޓީމެއްކަމަށެވެ. މާޒިޔާ ކިތަންމެ ވަރުގަދަ ނަމަވެސް، މާޒިޔާއަކީވެސް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށް ނަޒީހު ބުންޏެވެ. ނަޒީހު ބުނީ އެއްވެސް ޓީމަކީ ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަން އަބަދުވެސް ޤަބޫލުކުރަން ޖެހޭކަމަށެވެ. ތާރީޚަށް ބަލާއިރު، ބޮޑެތި ޓީމްތައް ހީނުކުރާ ގޮތަށް ބަލިވެފަވާކަން ނަޒީހު ފާހަގަކުރިއެވެ.

"އެންމެ ފުރަތަމަ އަބަދުވެސް ވިސްނަންވީ އެއްވެސް ޓީމަކީ މާމޮޅު ޓީމެއް ނޫންކަން. ކިތަންމެ މޮޅު ކުޅުންތެރިން ޓީމްގައި ތިބިނަމަވެސް، ކޮންމެ ދުވަހަކީ މޮޅަށް ކުޅެވޭނެ ދުވަހެއްނޫން. އަހަރެން ކުޅުންތެރިންނަށްވެސް މިހާރު ވާނީ ވަރަށް ރަނގަޅަށް ވިސްނަދީފަ، މާޒިޔާވެސް ބަލިކުރެވިދާނެކަން" ނަޒީހު ބުންޏެވެ.

މާޒިޔާގެ ކޯޗް މަރުޔާން ސެކުލޮވްސްކީ ބުނީ ޔުނައިޓަޑް ވިކްޓްރީގެ ކޯޗުކަމާ ނަޒީހު ހަވާލުވިފަހުން، އެޓީމަށް ބޮޑެތި ކުރިއެރުންތައް އަންނަ ކަމަށެވެ. ޓީމްގެ ކުޅުންގަނޑުވެސް ބަދަލުވެފައިވާކަން މާޒިޔާ ކޯޗު ފާހަގަކުރިއެވެ. މާޒިޔާއަށްވެސް ޔުނައިޓަޑް ވިކްޓްރީ ބަލިކުރަން ފަސޭހަ ނުވާނެކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ފާހަގަކުރިއެވެ.

" ޔުނައިޓަޑް ވިކްޓްރީއަކީ މިހާރު ތަފާތު ޓީމެއް. އެންމެ ފަހުން އެޓީމް ކުޅެފައިވާ މެޗުތަކުން، އެޓީމަށް އައިސްފައިވާ ކުރިއެރުންތައް ވަރަށް ރަނގަޅަށް އެބައިނގޭ. މާޒިޔާއިންވެސް ޔުނައިޓަޑް ވިކްޓްރީއަށް އެންމެ ތަންކޮޅެއްވެސް ދުލެއް ނުދޭނަން. ބޭނުންވަނީ މެޗުން ތިން ޕޮއިންޓް." މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮވްސްކީ ބުންޏެވެ.

މަޒިޔާއާއި ޔުނައިޓަޑް ވިކްޓްރީ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރުއެވެ.