ޚަބަރު

"ވެށި ސާފުކޮށް ބޭއްވޭނީ ކުނި އެޅުން މަދުކޮށްގެން"


މާލެ ސިޓީ ކްލީނިންގ ޗެލެންޖް"ގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ބައިވެރިވެއްޖެއެވެ. 

މި ހަރަކާތުގައި ބައިވެރިވުމުން، އެ ކުންފުންޏާ ހަވާލުވެފައިވަނީ މާލޭގެ ޗާންދަނީ މަގު ސާފުކުރުމަށެވެ. މާލެސިޓީއަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރިއަށް ގެންދާ "މާލެ ސިޓީ ކްލީނިންގ ޗެލެންޖް" އަކީ އެންރޭންޖުން އިސްނަގައިގެން ވެމްކޯއާއި ޕީއެސްއެމާ ގުޅިގެން ކުރިއަށްގެންދާ ޗެލެންޖެކެވެ. މި ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު ވެސް މާލޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއް ސާފުކުރުމަށް ހަވާލުކުރެއެވެ. އަދި ކޮންމެ ޓީމެއް ވެސް އެ ޓީމެއްގެ މަސައްކަތް ނިންމާލަނީ ޖެހިގެން އަންނަ ހަފްތާގައި ވާދަކުރުމަށް އެހެން ޓީމަކަށް ޗެލެންޖުރުމަށް ފަހުއެވެ.

މި ހަފްތާގައި އެލައިޑް އިންޝުއަރެންސް ކުންފުނިން ބައިވެރިވެ އެ ކުންފުނީގެ މުވައްޒަފުންވަނީ ޗާންދަނީ މަގު އެއްކޮށް ސާފުކޮށްފައެވެ. އަދި އެޓީމުން ޗެލެންޖުކޮށްފައިވަނީ މޭޑް ރަނާސް އާއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އެލައިޑް އިންޝުއަރެންސް ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާން ވިދާޅުވީ އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭކަމަށެވެ. 

" އަޅުގަނޑުމެން އަބަދުވެސް އިޖުތިމާޢީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވަން. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބައިވެރިވާނަން. އަޅުގަނޑުމެން މި ޗެލެންޖުކުރަނީ މޭޑް ރަނާސް އާ. އަޅުގަނޑުމެން އުއްމީދުކުރަން އެ ބޭފުޅުންވެސް މި ޗެލެންޖު ޤަބޫލުކުރައްވާ ސާފުކރުމުގެ ހަރަކާތުގައި ބައިވެރިވާނެ ކަމަށް." ފިރުޝާން ވިދާޅުވިއެވެ. 

މިޓީމުން ސާފުކުރި ސަރަޙައްދުން ގިނަ ޢަދަދެއްގެ ކުނިބުނި އެއްކޮށްފައިވާކަން ފާހަގަކުރަމުން މިޓީމުންބުނީ ވެށި ސާފުކޮށް ބޭއްވީނީ ކުނި އެޅުން މަދުކުރެވިގެން ކަމަށެވެ. 

އެއްއަހަރު ދުވަހުގެ މުއްދަތަށް ސިލްސިލާކޮށް ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްގެންދާ މި ޗެލެންޖަށް މުވައްސަސާތަކާއި ކުންފުނިތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށް އެން ރޭންޖުން ބުނެއެވެ. އަންނަ ހަފްތާގެ ހޮނިހިރު ދުވަހު މި ޗެލެންޖްގެ ދަށުން މާލެ ސާފުކުރަން ނުކުންނާނީ މޭޑް ރަނާސްއެވެ.