ކުޅިވަރު

ރެފްރީން ގިނަ ލާރި ހޯދަން ދަނީ ކްލަބް މޯލްޑިވްސްކަޕަށް - ޞޮބާ


ލީގު މެޗުތަކަށް އަރުވަނީ ދަސްކުރާ ރެފްރީން ކަމަށާއި، ތަޖުރިބާ ހުރި ރެފްރީން ގިނަ ލާރި ހޯދަން ދަނީ ކްލަބް މޯލްޑިވްސްކަޕަށް ކަމަށްބުނެ ގްރީން ސްޓްރީޓްގެ ކޯޗު ޞޮބާހު މުޙައްމަދު ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއުރޭޑިއަންޓް އަތުން ބަލިވި މެޗަށްފަހު ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ބުނީ އޭނާ ވަރަށް ދުވަހު ބޯޅަ ކުޅެ، އޭގެ ފަހުން ކޯޗިންގައިވެސް އުޅެމުންދާކަމަށާއި، މިރޭގެ މެޗުގެ ރެފްރީ މީގެ ކުރިން ނުފެންނަކަމަށެވެ. މެޗުތެރޭގައިވެސް ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންދިޔަ ޞޮބާ ބުނީ މެޗްގެ ރެފްރީ ތިންވަނަ ޑިވިޝަނާއި، ދެވަނަ ޑިވިޝަނުންވެސް ނުފެނި ކުއްލިއަކަށް ފުރަތަމަ ޑިވިޝަންގެ މެޗަކުން ފެނުމުން ހައިރާންވާކަމަށެވެ. މެޗުގެ ރެފްރީ އަބުދުﷲ ޝާޠިރަށް އިޝާރާތްކޮށް ޞޮބާ ބުނީ މެޗުގައި ފެނިގެން ދިޔައީ ރެފްރީއަށް އެއްވެސް ވަރަކަށް މެޗު ކޮންޓްރޯލް ނުކުރެވުންތަން ކަމަށާއި، ރެފްރީއެއްގެ އެންމެ ބޮޑު ބޭނުމަކީ މެޗު ކޮންޓްރޯލް ކުރުންކަމަށެވެ.

ރެފްރީންނަށް ފާޑު ނުކިޔާ، ޢާއްމުގޮތެއްގައި ވަރަށް ހަމަޖެހިގެން ނޫސްވެރިންނާ ބައްދަލުކުރާ ޞޮބާ މެޗަށްފަހު ހިތްހަމަ ނުޖެހި ހުރެ ބުނީ ތަޖުރިބާކާރު ރެފްރީން މިހާރު ގިނަ ލާރި ހޯދަން ދަނީ ކްލަބް މޯލްޑިވްސްކަޕަށްކަމަށެވެ.

" އެއްގޮތަކަށްވެސް އޮޅުވާ ނުލާތި، ބަލިވީމަ ދައްކާ ވާހަކައެއްނޫން މީކީ. އެހެން ކޯޗުންވެސް ރެފްރީންގެ ވާހަކަ މީގެކުރިން ދައްކާފި. މިހިސާބަށް ދިޔާމަ ބުނެވޭނެ. އަޅުގަނޑަކީ ކުޅުނުއިރުވެސް އޭގެފަހުންވެސް ރެފްރީންގެ ވާހަކަ ދައްކާ މީހެއްނޫން. އެކަމަކު ލީގު މެޗުތަކަށް މިހާރު މިއަރަނީ ދަސްކުރާ ރެފްރީން. ތަޖުރިބާހުރި ރެފްރީ ގިނަ ލާރި ހޯދަން މިދަނީ ކްލަބް މޯލްޑވްސްކަޕަށް" މެޗަށްފަހު ޞޮބާ ބުންޏެވެ.

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސްކަޕްގެ ސަބަބުން ކުޅުންތެރިންގެ ގޮތުންވެސް ފުރަތަމަ ޑިވިޝަންގެ ޓީމްތަކަށް އުނދަގޫވަމުން އަންނަކަން ކޯޗުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން މިއަދު ހަވީރު އީގަލްސް ކުޅުނީ ޓީމްގެ ތިން ހަތަރު ކުޅުންތެރިން ނުލާ ކަމަށް މެޗަށްފަހު އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު ބުންޏެވެ. މެޗުގެ ކުރިން ކޯޗު އިހުސާން އަބުދުލްޣަނީ (ސާންތި) ވަނީ ކްލަބް މޯލްޑިވްސްކަޕަށް ތިން ކުޅުންތެރިއަކު ދޫކޮށްފައިވާކަމަށް ބުނެފައެވެ. އެއީ ވަޒީފާ އަދާކުރާ އޮފީސް ޓީމަށް ދޫނުކޮށް ހިފެހެއްޓޭނެ ފެންވަރު ނެތިގެންކަމަށް ސާންތި ބުންޏެވެ.