ކުޅިވަރު

ނިއުރޭޑިއަންޓް މޮޅުވުން ހައްޤުކަމަށް ޞޮބާ ޤަބޫލެއް ނުކުރި


2-1 ން ގްރީން ސްޓްރީޓް ބަލިކޮށް، ނިއުރޭޑިއަންޓް ތާވަލްގެ އެއް ވަނައިގައި 3 ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް، ނިއުއަށް މޮޅު ހައްޤު ނޫންކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ޞޮބާހު މުޙައްމަދު ބުނެފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު އަބުދުﷲ (ލިލީ) އެވެ. އަލީ ފާސިރު ނެގި ކޯނަރު ލިލީ ގޯލްގެ އިރުމަތީ ކަނަށް ވައްދާލީ ބޮލުން ޖަހައެވެ. ދެވަނަ ހާފްގައި ނިއުގެ ދެވަނަ ލަނޑު ޖެހީ އެޑްރިއަން ގަލާޑޯއެވެ. އޭނާ ލަނޑު ޖެހީ އަރިމަތިން އަލީ ފާސިރު (ސެންޓޭ) މުޅިން ހުސްކޮށްލާފަ ގޯލް އޭރިޔާ ތެރެއަށް ދިނުމުން ކީރަޕަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. 

ގްރީން ސްޓްރީޓްގެ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޑިމިޓްރޯއެވެ. މުޅިން ހުސްކޮށް އޮތް ގޯލަށް އޭނާ ބޯޅަ ވައްދާލީ ކީޕަރު އިމްރާން ކުރިއަށް ނިކުތުމަށްފަހު ފޭބުމުގެ ކުރިންނެވެ. ލަނޑަށްފަހު ގްރީން ސްޓްރީޓުން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ނިއުރޭޑިއަންޓަށް ޕްރެޝަރ ކޮށްފައެވެ. ނަމަވެސް މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތު ތަނަވަސްކުރީ ނިއުއިންނެވެ. ފުރަތަމަ ހާފްގައި އެޑްރިއަން ފޮނުވާލި ބޯޅަ ގޯލްގެ ކަނާ ދިމާލުން ބޭރަށް ދިޔައީ ކުޑަ ތަންކޮޅެއް މަތިންނެވެ. ދެވަނަ ހާފްގައި ގަލާޑޯ މުޅިން ހުސްކޮށްލުމަށްފަހު އަކްރަމަށް ދިން ބޯޅަވެސް ރަނގަޅަށް ފޮނުވާނުލެވި ދިޔައީ ބޭރަށެވެ. އަދި ގަލާޑޯ ދެވަނަ ހާފްގައި ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ނިއުރޭޑިއަންޓުން ލަނޑުޖެހުމުގެ ކުރިން ގްރީން ސްޓްރީޓުންވެސް ވަރަށް ރަނގަޅު ދެ ފުރުޞަތެއް ތަނަވަސްކުރިއެވެ. އަހުމަދު ރަޝީދަށް ދިން ބޯޅަ އޭނާ ފޮނުވާލުމުގެ ކުރިން ކީޕަރު އިމްރާން އަތަށް ނެގިއެވެ. އޭގެފަހުން ލިބުނު ހިލޭޖެހުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދެވަނަ ހާފްގައި މުޙައްމަދު ޝައްފާޒް ބޯޅައާއެކު ނިއުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ވަން ފަހުން ނިއުގެ ކުޅުންތެރިއަކު ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓުނީއެވެ. ޕެނަލްޓީއެއްކަމަށްވެސް ގްރީން ސްޓްރީޓުން އެޕީލް ކުރިއެވެ.

ރެފްރީގެ ނިންމުންތަކާ މެދު ގްރީން ސްޓްރީޓްގެ ބެންޗުންނާއި، ސަޕޯރޓަރުންވެސް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި މެޗަށްފަހު ޞަބާ ބުނީ އޭނާ އަތުގައި ތިބި މަދު ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި މެދު ފަޚްރުވެރިވާކަމަށާއި، މެޗު ގެއްލިގެން ދިޔައީ އޭނާގެ ޓީމުން ދިން ދެ ބޯޅައިން ކަމަށެވެ. މުޅި މެޗަށް ބަލާއިރު ނިއު ކަހަލަ ބޮޑު ޓީމަކާއި، ގްރީން ސްޓްރީޓް ކަހަލަ އާ ޓީމެއްގެ ތަފާތު ނުފެނުންކަން ޞޮބާ ފާހަގަކުރިއެވެ. 

" އަޅުގަނޑު ހަމަ ވަރަށް ޕްރައުޑްވޭ އަތުގަ ތިބި ލިމިޓެޑް ޕްލޭޔަރުންނާއެކީ އެދެއްކި ކުޅުން. މިރޭގެ މެޗުގައި ނިއުއަށް މޮޅުވުން ހައްޤެއްނޫން، ވަރަށް ކެރިގެން މިބުނަނީ. އެކަން އެމީހުންވެސް ޤަބޫލުކުރާނެ " ތަކުރާރުކޮށް ޞޮބާ ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނީ ޓީމްގެ ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށާއި، ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ލިބުނު ކަމަށެވެ.

" ފުރަތަމަ ހާފްގައިވެސް ތިން ހަތަރު ލަނޑު ޖަހަން ފުރުޞަތު ލިބުނު. ދެވަނަ ހާފްގައި އެއަށްވުރެ ގިނަ ފުރުޞަތު ލިބުނު. ހަތަރެއް، ފަސް ގޯލް ޖަހަންވެސް ފުރުޞަތު ލިބުނު." ޓަވަރޭޒް ބުންޏެވެ.

މިރޭގެ މޮޅާއެކު ނިއުއަށް ވަނީ ހަ މެޗުން 15 ޕޮއިންޓް ލިބިފައެވެ. ގްރީން ސްޓްރީޓް އޮތީ 10 ޕޮއިންޓާއެކު 4 ވަނާގައެވެ.