ޚަބަރު

ޕީއެސްއެމް - 2 އަހަރުތެރޭގައި އައު އުސްމިންތަކަކަށް..


ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައިސް މިވީ 2 އަހަރުގެ ތެރޭގައި ދައުލަތުގެ މީޑިއާއިން އިންޤިލާބީ ބޮޑެތި ކުރިއެތުންތަކުން ވަނީ ހޯދާފައެވެ. މީގެ ކުރިން ދައުލަތުގެ މީޑިއާއިން ފޯރުކޮށްނުދޭ އައު އެތައް ޚިދުމަތްތަކެއް މުޅިން އަލަށް ތަޢާރަފްކޮށްފައިވާއިރު، ކުރިން ދެމުންއަންނަ ޚިދުމަތްތަކުގެ ފެންވަރު ވަނީ އެތައް ގުނައެއް މަތިކޮށްފައެވެ. ދައުލަތުގެ މީޑިއާއިން ދެމުންގެންދާ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކަކަށް ހެދުމަށް، ގިނަ މަސައްކަތްތަކެއް ޕީ.އެސް.އެމުން ވަނީ ކޮށްފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައިވަނީ 28 އޭޕްރީލް 2015ގައެވެ. އެއާއެކު ދައުލަތުގެ މީޑިއާގެ ހިންގުން ޕަބްލިކް ސަރވިސް މީޑިއާގެ ދަށަށް ބަދަލުވެގެންދިޔައެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ހިންގަމުން ގެންދަނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ގަވަރިނިންގ ބޯޑަކުންނެވެ.

ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައިއިރު ދައުލަތުގެ މީޑިއާއިން ހިންގަމުން ގެންދިޔައީ، 2 ރޭޑިއޯ ޗެނަލާއި، 1 ޓީވީ ޗެނަލެވެ. ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައި ފަހުން މިވީ 2 އަހަރުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، ޕަބްލިކް ސަރވިސް މީޑިއާގެ މައި ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ އިތުރުން، އިތުރު 4 ޓީވީ ޗެނަލް ވަނީ ޤާއިމުކޮށްފައެވެ. އަދި ޓެލެވިޜަން މޯލްޑިވްސްގެ އެޗްޑީ ޗެނަލެއް ވަނީ ޤާއިމުކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14604870310117.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ޔެސް ޓީވީ އިފްތިތާހް ކޮށްދެއްވަނީ - ފޮޓޯ: ޕީއެސްއެމް

ޕަބްލިކް ސަރވިސް މީޑިއާ ވުޖޫދަށް އައުމަށްފަހު މިވީ 2 އަހަރުގެ ތެރޭގައި މުޅިން އަލަށް ޤާއިމުކޮށްފައިވާ ޓީވީ ޗެނަލްތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، މަޖިލީހުގެ މަސައްކަތްތައް ގެނެސްދިނުމަށްޓަކައި ޤާއިމުކުރި މަޖިލިސް ޓީވީއާއި، ޒުވާނުންނާ ކުޅިވަރަށް ޚާއްޞަ ޓީވީ ޗެނަލް، ޔެސް ޓީވީއާއި، ދިވެހިރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ މައުލޫމާތު ގެނެސްދިނުމަށްޓަކައި ޤާއުމުކުރި މުންނާރު ޓީވީއާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށްޓަކައި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ޤާއިމުކުރި މޯލްޑިވްސް ޓީވީ ހިމެނެއެވެ. އަދި 24 ގަޑި އިރު ޚަބަރާއި، ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ގެނެސްދޭ ނިއުސް ޗެނަލެއް ޤާއުމުކުރުމުގެ އެންމެފަހުގެ ތައްޔާރީތައް ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ކުރަމުންނެވެ.

ޕަބަލިކް ސަރވިސް މީޑިއާ ވުޖޫދަށް އައުމުގެ ކުރިން ހިންގަމުންއައި ރޭޑިއޯ ޗެނަލްތައް ކަމަށްވާ، ދިވެހިރާއްޖޭގެ އަޑާއި، ދިވެހި އެފްއެމްގެ އިތުރުން، ދީނީ މައުލޫމާތު ގެނެސްދޭ ރޭޑިއޯ ޗެނަލެއް ކަމަށްވާ ދީނުގެ އަޑު ވަނީ ޤާއިމުކޮށްފައެވެ. އަދި ޚަބަރާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްތައް ގެނެސްދިނުމަށް ޚާއްޞަ ރޭޑިއޯ ޗެނަލެއް ޤާއިމުކުރުމުގެ މަސައްކަތް ޕަބްލިކް ސަރވިސް މީޑިއާއިން ގެންދަނީ ކުރަމުންނެވެ.

img:http://s3.psmnews.mv/images/660x400/7618.jpg|ޕީއެސްއެމްގެ ދީނުގެ އަޑު ރޭޑިއޯ ޗެނަލް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ޕީ.އެސް.އެމް ވުޖޫދަށްއައުމަށްފަހު މިވީ 2 އަހަރުގެ ތެރޭގައި ދައުލަތުގެ މީޑިއާއިން ފުރަތަމަ ފަހަރަށް ޕްރިންޓް މީޑިއާގެ ޚިދުމަތްވަނީ ދޭންފަށާފައެވެ. ޕީ.އެސް.އެމްގެ ހަފްތާ މަޖައްލާ މާލްދީބް ޗާޕްކުރަން ފަށައި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިލޭ ފޯރުކޮށްދޭން ވަނީ ފަށާފައެވެ. އަދި 2017 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ބޭރުގެ ޑިޕްލޮމޭޓުންނަށާއި، އެކިއެކު ފަރާތްތަކަށް، ރާއްޖޭގެ މަސްރަޙާ ގުޅޭ ޞައްޙަ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މާލްދީބް ޑެއިލީގެ ނަމުގައި އީ-ނިއުސް ލެޓަރ އެއް އެކުލަވާލައި ގެންދަނީ ފޯރުކޮށްދެމުންނެވެ. މީޑިއާގެ ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށްޓަކައި، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ނަމުގައި އިންސްޓިޓިއުޓެއް ޤާއިމުކުރެވި ކޯސްތައް ގެންދަނީ ހިންގަމުންނެވެ. ބައިނަލްއަޤްވާމީ ޔުނިވާސިޓީއެއް ކަމަށްވާ ލިމްކޮކްވިންގ ޔުނިވާސިޓީގެ ކޯސްތައް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގައި ހިންގުމަށް ވަނީ އެއްބަސްވެ މަސައްކަތް ފަށާފައެވެ.

ދައުލަތުގެ މީޑިއާގެ ޗެނަލްތަކުން ގެނެސްދޭ ކޮންޓެންޓްގެ ކޮލިޓީ މަތިކޮށް، ރައްޔިތުން ބަލައިގަންނަފަދަ ގޮތަކަށް ބައްޓަން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވަނީ ކުރެވިފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބައިނަލްއަޤްވާމީ ފްރެންޗައިޒް ޝޯއެއްކަމަށްވާ މޯލްޑިވިއަން އައިޑޮލް އުފައްދައި ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ގެނެސްދޭން ފަށާފައިވެއެވެ. އަދި މިފަދަ އިތުރު ފްރެންޗައިޒް ޝޯތައް ރާއްޖޭގައި ގެނެސްދިނުމުގެ މަސައްކަތް ޕަބްލިކް ސަރވިސް މީޑިއާއިން ގެންދަނީ ކުރަމުންނެވެ. މީގެ އިތުރުން ދީނީ ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ އަލިގަދަ ތަރި މި ޕްރޮގްރާމަކީ ގިނަބަޔަކު ބަލައިގަންނަ ޕްރޮގްރާމްތަކެއް ކަމުގައިވަނީ ވެފައެވެ.

img:http://s3.psmnews.mv/images/660x400/5489.jpg|މޯލްޑިވިއަން އައިޑަލް / ގިނަ ބައެއްގެ މަޤްބޫލުކަން ވަނީ ލިބިފައި

މީގެ އިތުރުން، ޕީ.އެސް.އެމް ލައިވްގެ ނަމުގައި އެޕެއް ތަޢާރަފްކުރެވި، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެވެސް ޕީ.އެސް.އެމްގެ ޗެނަލްތައް ބަލާލުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އެޕްލިކޭޝަނެއް ޕީ.އެސް.އެމުން އެކުލަވާލާފައިވާއިރު، ޕީ.އެސްއެމާ ޚަބަރާއި ފޮޓޯ ހިއްޞާ ކުރުމުގެ މަގު ޢާންމު ރައްޔިތުންނަށް ފަހިކޮށްދިނުމަށްޓަކައި، ޕީ.އެސް.އެމް ޝެއަރގެނަމުގައި ވަނީ އެޕްލިކޭޝަނެއް ތަރައްޤީކުރެވިފައެވެ.

އަދި ދިވެހި ރައްޔިތުންގެ މެދުގައި ރިވެތި އަޚްލާގު އަށަގެންނެވުމުގެ ގޮތުން ރެސްޕެކްޓް ކެމްޕެއިންގެ ނަމުގައި ގައުމީ ކެމްޕެއިނެއް ލޯންޗްކޮށް، މި ކެމްޕެއިންގެ ދަށުން ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވުމަކީވެސް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ކާމިޔާބީ ހާމަކޮށްދޭކަމަށެވެ.

މިމަސައްކަތްތަކުގެ އިތުރުން، ދައުލަތުގެ އެކި ވުޒާރާތަކާއި، މުވައްސަސާތަކާ ގުޅިގެން ރައްޔިތުންނާ ގުޅުންހުރި ހަރަކާތްތައް ރާވައި އިންތިޒާމް ކުރުމުގައިވެސް ޕީ.އެސް.އެމް އިސްދައުރެއް ގެންދަނީ އަދާކުރަމުންނެވެ. ޕީ.އެސް.އެމްގެ ޗެނަލްތަކުން ރައްޔިތުންގެ ވިޔަފާރި އިޝްތިހާރުކުރުމުގެ އިތުރު ފުރުޞަތުތައް ގެންދަނީ ފަހިކޮށްދެމުންނެވެ.

img:http://s4.psmnews.mv/images/660x400/14785326679657.jpg|ބަރލިންގައި މޯލްޑިވްސް ޓީވީ ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް ޓީވީ

ޕީ.އެސް.އެމް ވުޖޫދަށް އައުމަށްފަހު މިވީ 2 އަހަރުގެ ތެރޭގައި ޕީ.އެސް.އެމްގެ ޗެނަލްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދައި، ބޭނުންކުރަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ބައިނަލްއަޤްވާމީ އެކި މީޑިއާ ސަމިޓްތަކާއި، ކޮންފަރެންސްތަކުގައި ޕަބްލިކް ސަރވިސް މީޑިއާއިން ވަނީ ބައިވެރިވެ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެތެރޭގައި، އޭޝިއާ ވިޝަން ނިއުސް އެކްސްޗޭންޖްގެ އަހަރީ ބައްދަލުވުން ޕަބްލިކް ސަރވިސް މީޑިއާއިން މިއަހަރުގެތެރޭގައި ހޯސްޓްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އޭ.އައި.ބީ.ޑީގެ އަހަރީ ޖަލްސާ ޕީ.އެސް.އެމުން މިއަހަރުގެ ތެރޭގައި އިންތިޒާމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތްރުގެ ދެއަހަރުގެ ތެރޭގައި މީގެ ކުރިން ދައުލަތުގެ މީޑިއާ ނުދެކޭފަދަ އުސްމިންތަކަކަށް ވަނީ ވާސިލްކޮށްދީފައެވެ.