ޚަބަރު

ދިވެހި ނިއުސް އެޖެންސީ ރަސްމީކޮށް އިފްތިތާޙުކުރައްވައިފި


ޕަބްލިކް ސަރވިސް މީޑިއާގެ ދިވެހި ނިއުސް އެޖެންސީ ރަސްމީކޮށް އިފްތިތާޙްކުރައްވައިފިއެވެ. ޑީ.އެން.އޭ އިފްތިތާޙްކޮށްދެއްވީ ޕީ.އެސް.އެމްގެ ރޯޑިއޯ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު ޢުމަރުއެވެ.

ދިވެހި ނިއުސް އެޖެންސީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާއި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފު އުމަރު ވިދާޅުވީ، ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާއިން މުހިންމު ޚިދުމަތްތަކެއް ތައާރަފް ކޮށްދެއްވާފައިވާކަމަށެވެ. އަދި ދެވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ނިއުސް އެޖެންސީއެއް އިފްތިތާހްވެގެން ދިއުމަކީ ރާއްޖޭގެ މީޑިއާގެ ދާއިރާ ތަރައްޤީކުރެއްވައި، މީޑިއާގެ އެދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަމެއް ކަމަށް ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14933807591878.jpg|ދިވެހި ނިއުސް އެޖެންސީ އިފްތިތާޙުކުރުމުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ދިވެހި ނިއުސް އެޖެންސީގެ ސަބަބުން ރާއްޖެއަށް ރީތިނަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ނިއުސް އެޖެންސީގެ އެންމެ މުހިއްމު ޒިންމާއަކަށް ވާންވާނީ ދިވެހިންނަށާއި، ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ރާއްޖޭގެ ފުރިހަމަ ތަސައްވުރު ދައްކައިދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޗެއރަމަން އިބްރާހީމް އުމަރު މަނިކު ވިދާޅުވީ، ދިވެހި ނިއުސް އެޖެންސީ އުފެދުމުން ވާދަވެރިކަން ބޮޑުވާނެކަމަށާއި، އަމިއްލަ މީޑިއާތަކަށް މުޅިރާއްޖޭގައި ހިންގާކަންކަން ޚަބަރުތަކުގައި މިހާރު ގެނެވެން ނެތްނަމަވެސް ދިވެހި ނިއުސް އެޖެންސީ މެދުވެރިކޮށް އަމިއްލަ މީޑިއާތަކަށް ކޮންޓެންޓް ފޯރުކޮށްދެވޭނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14933879573279.jpg|ދިވެހި ނިއުސް އެޖެންސީ އިފްތިތާޙުކުރުމުގެ ޖަލްސާގައި ޕީއެސްއެމްގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކު ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ޕީ.އެސް.އެމްއަށް ލިބިނު އެންމެ ބޮޑު ކުރިއެރުމަކީ ދިވެހި ނިއުސް އެޖެންސީއެއް ވުޖޫދަށް ގެނެވުންކަމަށާއި، ޑީ.އެން.އޭ ޚިދުމަތްތައް ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މީޑިއާތަކަށް ހިލޭ ފޯރުކޮށްދެއްވާނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/14933807931789.jpg|ދިވެހި ނިއުސް އެޖެންސީ އިފްތިތާޙުކުރުމުގެ ޖަލްސާގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ދިވެހި ނިއުސް އެޖެންސީއަކީ، ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ރާއްޖޭގެ ޚަބާރާއި މަޢުލޫމާތު ދުނިޔެއަށް ފެތުރުމައްޓަކައި، އަދި ވިޔަފާރި އުސޫލުން އެފަދަ ބައެއް ޚަބަރާއި މައުލޫމާތު އެކި ފަރާތްތަކަށް ވިއްކުމައްޓަކައި ޕީ.އެސް.އެމްގެ ޤާނޫނުގައި ވާ ގޮތުގެ މަތީން އުފެއްދެވި ނިއުސް އެޖެންސީއެކެވެ.

ދިވެހި ނިއުސް އެޖެންސީގެ ވެބްސައިޓް އެޑްރެހަކީ www.dna.mv އެވެ.