ކުޅިވަރު

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދެވަނަ ފުޓްސެލް ދަނޑެއް


ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް، ސްރީލަންކާގައި އިތުރު ފުޓްސެލް ދަނޑެއް ހުޅުވައިފިއެވެ.

ސްރީލަންކާގައި ދިވެހިންނަށް އަމާޒުކޮށް ދެވަނަ ފުޓްސެލް ދަނޑު މިއަދު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިރުތިޝާމް އާދަމްއެވެ. މިދަނޑު ހުޅުވާފައިވަނީ މޯލްޑިވްސް އެޑިއުކޭޝަނަލް ކަލްޗްރަލް ސެންޓަރުގައެވެ. ސަރުކާރުގެ ޒުވާނުންނާއި، ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން މީގެކުރިންވެސް ވަނީ ސްރީލަންކާގައި ދިވެހިންނަށް ފުޓްސެލް ދަނޑެއް ހުޅުވާފައެވެ. 2015 ވަނަ އަހަރު ހުޅި ދަނޑު ސްރީލަންކާގައި ދިވެހިން އަންނަނީ ބޭނުންކުރަމުންނެވެ.

ދެވަނަ ދަނޑެއް ހުޅުއްވައިދެއްވުމަށްފަހު ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމަކަށްވުމުން ޢާއްމު ދިވެހިންނަށް ލިބިދޭފަދަ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ. ކުޅިވަރު ކުޅޭނެ ވަޞީލަތްތަކާއި،ކަސްރަތު ކުރެވޭ އިންތިޒާމު ހަމަޖެއްސުމަކީ ސްރީލަންކާގަ ދިރިއުޅޭ ދިވެހިން އަބަދުވެސް ސަރުކާރުތަކުގައި އެދެމުންދިޔަ ކަންކަންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވީ އެކަމަށް އިޖާބަދެއްވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14933876779108.jpg|ސްރީލަންކާގައި މިއަދު ހުޅުވި ފުޓްސެލް ދަނޑުގައި ދިވެހިން: ފޮޓޯ-ޔޫތް މިނިސްޓްރީ

" މިއަދު ސޯސަންވިލާގައި މިހުޅުވޭ ފުޓްސެލް ދަނޑަކީ އެންމެ ޒަމާނީ ފެންވަރެއްގައި ޓާފްއެޅި ލައިޓް އަލީގައިވެސް ކުޅެވޭނެ އިންތިޒާމްތަކާއެކު ހުޅުވިގެންދާ ދަނޑެއް. ދައުލަތުގެ ބަޖެޓުން 1.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް އަޅާފައިވާ މިދަނޑަކީ އެއްވެސް ފީއެއް ނެގުމަކާ ނުލާ ދިވެހި ކޮންމެ ރައްޔިތަކަށް ބޭނުންކުރެވޭ ގޮތަށް ހުޅުވިގެންދާ ދަނޑެއް " ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ. 

ސްރީލަންކާގައި 17 ފުޓްސެލް ޓީމާއި، 4 ހޭންޑްބޯޅަ ޓީމް ރަޖިސްޓްރީކޮށް، ޚިދުމަތް ހޯދަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސްރީލަންކާގައި ދިވެހިންނަށް އަމާޒުކޮށް އިންޑޯ ކުޅިވަރު ކުޅޭނެ ކުޅިވަރު ހަރުގެއެއް ވަނީ ޤާއިމްކުރައްވާފައެވެ.