ކުޅިވަރު

އީގަލްސް ބަލިކޮށް، ޓީސީ ކުރިއަށް ޖެހިލައިފި


މެޗަށް ނިކުއިން އިރު ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް އޮތް ދެޓީމްގެ މެޗު ކާމިޔާބުކޮށް، ޓީސީ ކުރިއަށް ޖެހިލައިފިއެވެ. 

ޓީސީ ތާވަލްގެ ކުރިއަށް، ތިން ވަނައަށް ޖެހިލީ 1-0 ން އީގަލްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓެވެ. މިއީ އީގަލްސްގެ ޞަލާހު އަލީ ސްޓެވާޓަށް ކުރި ފައުލާ ގުޅިގެން ރެފްރީ ޝިފާން އަބުދުއްރަހީމް ދިން ޕެނަލްޓީއެކެވެ.

މީގެއިތުރުންވެސް ފުރަތަމަ ހާފްގައިވެސް ޓީސީން ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އަލީ ނާފިއުއަށް ލިބުނު ދެ ފުރުޞަތު ފާހަގަކޮށްލެވެއެވެ. ދެ ބޯޅަވެސް ގެއްލިގެން ދިޔައީ ގޯލާ އަމާޒު ނުވެއެވެ. ފުރަތަމަ ބޯޅަ އޭނާ މަސައްކަތްކުރީ އިރުމަތީ ފަރާތުގައި ހުހަށް އޮތް އިބްރާހީމް މަހުދީއަށް ދޭށެވެ. ދެވަނަ ހާފްގައިވެސް އަލީ ނާފިއު އީގަލްސްގެ ދެ ކުޅުންތެރިން ކައިން ނައްޓާލުމަށްފަހު ގޯލަށް ފޮނުވާލަ މަސައްކަތްކުރި ބޯޅައިގެ ހުރަހަކަށްވީ އީގަލްސްގެ ލަންކާ ކީޕަރެވެ. ކީޕަރު ފިޔަވާ އިތުރު ކުޅުންތެރިއަކު ނެތް ނަމަވެސް ނާފިއުއަށް ބޯޅަ ފޮނުވާލެވުނީ ކީޕަރާ ދިމާލަށެވެ. ދެވަނަ ހާފްގައި އިބްރާހީމް ވަހީދާއި، އިބްރާހީމް މަހުދީއަށްވެސް ލަނޑު ޖަހގާނެ ފުރުޞަތު ލިބުނެވެ. އޭގެތެރެއިން އެއް ފުރުޞަތު އީގަލްސްއިން ސަލާމަތްކުރީ ގޯލްގެ ރޮނގުމަތިންނެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ އެންމެ މުޙިއްމީ 3 ޕޮއިންޓްކަމަށާއި، އެކަން ހާޞިލްވުމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށެވެ. ނަމަވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިބި ބޭނުން ނުކުރެވިދިޔަކަން އޭނާ ފާހަގަކުރިއެވެ.

" މިއީ ހަމަ ވަރަށް މުޙިންމު ތިން ޕޮއިންޓް، ކޮންމެ މެޗަކީވެސް ވަރަށް މުޙިންމު މެޗެއް ގަދަހަ ހަތަރަކުން ޖާގަ ހޯދަން. އެއް ވަރެއްގައި އޮތް ޓީމެއްގެ އަތުން ތިން ޕޮއިންޓް ހޯދާ ތަންކޮޅެއް ކުރިއަށް ޖެހިލެވުމަކީ ގަދަ ހަތަރަކަށްދާން ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ނިޒާމް ބުންޏެވެ.

އީގަލްސްގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު ބުނީ މެޗުގައި މުޅުވާން ބޮޑަށް މަސައްކަތްކުރީ ޓީސީން ކަމަށާއި، ޕޮއިންޓެއް ނުލިބި ދިއުމަކީ އަނެއްކާވެސް ގަދަ ހަތަރަކަށްދާން އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.

" ތިން ހަތަރު ކުޅުންތެރިން ނުލާ މިކުޅުނީވެސް. އެއީވެސް ސަބަބެއް، އެކަމު ބަދަލުގައި އެރި ކުޅުންތެރިންވެސް ރަނގަޅަށް ކުޅުނު. ޕޮއިންޓެއް ނުލިބި ދިޔާމަ މިއީ އަނެއްކާވެސް ވަރަށް ބޮޑު އުނދަގޫތަކެއް. އެކަމަކު އަދި އެއް ބުރުވެސް އޮތުމުން އުއްމީދު އެބައޮތް. " މެޗަށްފަހު ރާއްޖެއިން ބޭރަށްދާންޖެހޭތީ އަވަހަށް ދިއުމުން ކޯޗުގެ ބަދަލުގައި ޕްރެސްކޮންފަރެންސަށް ހާޞިރުވި އެސިސްޓެންޓް ކޯޗު ބުންޏެވެ.

މިއަދުގެ މޮޅާއެކު ޓީސީއަށް ވަނީ 10 ޕޮއިންޓް ލިބިފައެވެ. 10 ޕޮއިންޓާއެކު އޮތް ގްރީން ސްޓްރީޓް މިރޭ ނިއު އަތުން ބަލިނުވެ ސަލާމަތްވެއްޖެ ނަމަ ޓީސީއަށްވުރެ ކުރިއަށް ގްރީން ސްޓްރީޓް ޖެހިލާނެއެވެ. އީގަލްސް އޮތީ 7 ޕޮއިންޓާއެކުއެވެ.