ދުނިޔެ

"ނިއުކްލިއަރ ޓެސްޓެއްކޮށްފިނަމަ ޗައިނާއިން ފިޔަވަޅު އަޅާނެ"


އުތުރު ކޮރެއާއިން އިތުރު ނިއުކްލިޔަރ ޓެސްޓެއް ކޮށްފިނަމަ އަވަށްޓެރި ޗައިނާއިން އެގައުމާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ޗައިނާއިން ބުނެފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން ވިދާޅުވީ، ޗައިނާއިން ވަނީ އުތުރު ކޮރެއާއިން އިތުރު ނިއުކްލިޔަރ ޓެސްޓެއް ނުކުރުމަށް އަންގާފައި ކަމަށާ އަދި މިފަދަ ޓެސްޓެއް ކޮށްފިނަމަ އުތުރު ކޮރެއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޗައިނާއިން އެމެރިކާއާއެކު ހިއްސާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ޗައިނާއިން މިކަން ހިއްސާކޮށްފައިވަނީ ކޮން އިރަކު ކަމެއް އަދި މިއީ ކޮން ފިޔަވަޅުތަކެއް ކަމެއް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައެއް ނުވެއެވެ. އަނެއްކޮޅުން، އެމެރިކާގެ މި ވާހަކަތައް ޗައިނާއިން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

img:http://s2.psmnews.mv/images/660x400/14814490301349.jpg|އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަރސަން

ވޭތުވެދިޔަ ހަފްތާތަކުގައި އުތުރު ކޮރެއާއިން ކުރި މިސައިލް ޓެސްޓްތަކާ ކޮރެއަން ޕެނިންސޫލާގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ނެރުއްވާފައިވާ ބަޔާންތަކާ އަޅުއްވާފައިވާ ފިޔަވަޅުތަކާ މެދު ޗައިނާ ސަރުކާރުން ހިތްހަމަޖެހޭ ކަމަށް އެގައުމުން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން މިކަމުގައި އަޅާ ފިޔަވަޅުތަކަކީ ޙާލަތު އިތުރަށް ގޯސްވެގެންދާނެ ފަދަ ފިޔަވަޅުތަކަކަށް ނުހެދުމަށް ވެސް ޗާއިނާގެ ރައީސް ޝީ ޖިންޕިންގް ހުސްވި ހަފްތާގައި ގޮވާލެއްވިއެވެ.

އުތުރު ކޮރެއާގެ މައްސަލައިގައި މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ގައުމުތަކުގެ ޚާރިޖީ ވަޒީރު މިއަދުގެ ވަގުތެއްގައި ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. މިބައްދަލުކުރެއްވުމުގައި އެގަައުމާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ޚާރިޖީ ވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.