ތަޢުލީމު

9 ވަނަ ފިޝް ކޭމްޕް ގެމަނަފުށީގައި ފަށްޓަވައިފި


ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ޢަމަލީ ތަމްރީނާއި ތަޖްރިބާ ހޯއްދަވައިދެއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ސިލްސިލާކޮށް ބާއްވަވަމުން އަންނަ ފިޝްކޭމްޕް ގއ. ގެމަނަފުށީގައި ފަށްޓަވައިފިއެވެ. މިއީ، ފިޝަރީޒް މިނިސްޓްރީން ބާއްވަވާ 9 ވަނަ ފިޝްކޭމްޕެވެ.

ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އެކަމުގެ ޢަމަލީ ތަޖްރިބާ ހޯދުމަށް މަގުފަހި ކޮށްދެވުމަށާއި، އޯލެވެލަށް ތައްޔާރުކުރުވުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން އިސްނަންގަވައިގެން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގެން ބާއްވަވާ މި ފިޝް ކޭމްޕަކީ ކާމިޔާބު ކޭމްޕެއް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14933776818775.jpg|ފިޝް ކޭމްޕްގެ ބައިވެރިން / މިއީ ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދަވާ ނުވަ ވަނަ ފިޝް ކޭމްޕް

މި ކޭމްޕްގެ ތެރެއިން ދަރިވަރުންނަށް ސްކޫލްގައި ޢަމަލީ ތަޖުރިބާ ނުލިބޭ އެކި ފިލާވަޅުތަކުގެ ތަޖުރިބާ ހޯދައިދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިފަހަރުގެ ފިޝް ކޭމްޕް ގއ. ގެމަނަފުށީގައި ކުރިއަށް ގެންދަވާއިރު، މިކޭމްޕްގައި ގއ. އަތޮޅުގެ 6 ސްކޫލަކުން 40 ދަރިވަރުން ބައިވެރިވެއެވެ. މިނިސްޓްރީގެ 9 ވަނަ ފިޝްކޭމްޕް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށް ގއ. ގެމަނަފުށި ސްކޫލްގައެވެ.

ކޭމްޕްގެ ތެރެއިން ދަރިވަރުންނަށް ވަނީ ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާގުޅޭ ގޮތުން ސެޝަނެއް ބާއްވަވާފައެވެ. މި ސެޝަން ކުރިއަށް ގެންދަވާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާރޑުގެ ބޭފުޅުންނެވެ. އަދި ފުޑްސޭފްޓީއާ ގުޅޭގޮތުން ދަރިވަނުންނަށް ވަނީ ސެޝަނެއް ކުރިއަށް ގެންދަވާފައެވެ. މި ސެޝަން ނަންގަވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ކަމާ ގުޅުން ހުރި މާހިރެކެވެ. މީގެ އިތުރުން ޑައިމަންޑް ބެކް ސްކްވިޑާ ބެހޭގޮތުން ސެޝަނެއް ނަންގަވާފައިވެއެވެ. މީގެ އިތުރުން ފަރުމަސްވެރިކަމާ ގުޅޭ ޢަމަލީ ތަޖްރިބާ ހޯދުމުގެ ދަތުރެއް މި ދަރިވަރުން ކޮށްފައިވެއެވެ. 

img:http://s4.psmnews.mv/images/660x400/14933776980942.jpg|ފިޝް ކޭމްޕްގެ ބައިވެރިން / މިއީ ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދަވާ ނުވަ ވަނަ ފިޝް ކޭމްޕް

މި ދަރިވަރުންނަށް މަސްވެރިކަމާއި، މަހާ ގުޅުން ހުރި މޫދުގެ އެކި ކަންކަން އަމިއްލައަށް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިކޭމްޕްގައި ދަރިވަރުން ހޯދާ ޢަމަލީ ތަޖުރިބާ އެ ދަރިވަރުންގެ އިމްތިޙާންތަކަށާއި ޢާންމު ދިރިއުޅުމަށްވެސް ބޮޑު އެހީއަކަށް ވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.