ސިއްހަތު

"ކެތްލެބް ހުޅުއްވިފަހުން، 8000 އަށްވުރެ ގިނަ ފަރުވާ!"


އައިޖީއެމްއެޗްގެ ކެތްލެބް ހުޅުއްވިފަހުން މިހާތަނަށް 8000 އަށްވުރެ  ގިނަ މީހުން އެތަނުން ފަރުވާ ހޯދާފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. 

ހެލްތް މިނިސްޓްރީން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖޭގައި މިފަދަ މުހިއްމު ފަރުވާތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ބޭނުމަކީ، ރައްޔިތުންނަށް ލުއިފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުން ކަމަށެވެ. 

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ނުގޮސް ޞިއްޙީ މުހިއްމު ފަރުވާތައް ރާއްޖެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަކަމުގެ އެއް ހެއްކަކީ، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގައި ޤާއިމްކުރައްވާފައިވާ ނޭޝަނަލް ކާރޑިއެކް ސެންޓަރެވެ. މިތަނުގެ ކެތްލެބުން މިހާތަނަށް ވަނީ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރައްވައި، އެތައްހާސް ރައްޔިތުންނަކަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ، އަމިއްލަ ފަސްގަނޑުގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމްތައް ހަމަ ޖެހިފައި އޮތުމެވެ. 

މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ކެތްލެބް ހުޅުވި ފަހުން މިހާތަނަށް އަށްހާހަށްވުރެ ގިނަ މީހުން އެތަނުން ފަރުވާ ހޯދާފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި ކެތް ލެބް ނެތްނަމަ މި ހުރިހާ އެންމެންނަކީ، ބޮޑު ޚަރަދުކޮށްފައި ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާނެ މީހުންކަމަށެވެ.

"އެތައް އެތައް ސާރޖަރީއެއް އެތާ ހެދިއްޖެ. މިއިން ކޮންމެ ބޭފުޅަކީ، މި ކެތްލެބް ނެތްނަމަ ރާއްޖެއިން  ބޭރަށް ބޭސްފަރުވާއަށް ދާންޖެހޭނެ މީހުން. މިތަނުން ކިތައް ކިތައް މީހުންގެ ފުރާނަކަމެއްނޭގެ އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނީ. މިދަންނަވަނީ، ހާޓްއެޓޭކެއް ޖެހުމުގެ ވާހަކަ ސްޓްރޯކެއް ޖެހުމުގެ ވާހަކަ. ހިތުގެ ބައްޔަށް ފަރުވާ ނުލިބުމުން ރާއްޖެއިން ބޭރަށްދާންޖެހޭ ކޮންމެ ވަގުތަކީ އެމީހުންގެ ފުރާނައަށް ނުރައްކާވާނެ ވަގުތެއް." ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. 

އަނެއްކާވެސް އޮތީ އުފާވެރި ޚަބަރެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހުރި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭއިންވެސް ކެތްލެބްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިއާއެކު އައިޖީއެމްއެޗްގެ ކެތްލެބްގެ ކިޔޫތައް ކުޑަވެ، ރައްޔިތުންނަށް އަވަހަށް ޚިދުމަށް ލިބުމުގެ މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތްވެސް ވަރަށް ގާތުން ބައްލަވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14932934021738.jpg|މިނިސްޓަރ އޮފް ހެލްތް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"އޭޑީކޭގެ ކެތް ލެބް ވަރަށް އަވަހަށް ހުޅުވާނެ. އެކަން ވަރަށް ގާތުން ބަލަމުން މިދަނީ. މިކަމަކީ، އައިޖީއެމްއެޗްގެ ކެތްލެބްގެ ކިޔޫ ކުޑަވެގެންދާނެ ކަމެއް." ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

 ހުޅުމާލޭގައި މިއަހަރުގެ އޮގަސްޓް މަހު ހުޅުވުމަށް ތައްޔާރުވަމުންއަންނަ ޓާރޝަރީ ހޮސްޕިޓަލް "ޓްރީ ޓްޕް"އަށް ބޭނުންވާ މެޝިނަރީއާއި އިންސާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އަދި ރައްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީ ކުރައްވާ ޓާރޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މިފަދަ އެތައްކަންތައްތަކާއެކު، ރާއްޖޭގެ ސިއްޙީ ދާއިރާއަށް ފާއިތުވި ތިން އަހަރަކީ ކާމިޔާބު ތިން އަހަރުގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.