ކުޅިވަރު

ނިއުރޭޑިއަންޓްގެ ނަން ބޮޑު، އެކަމަކު ދުލެއް ނުދޭނަން - ސޮބާ


ނަމުން ކިތަންމެ ބޮޑު ނަމަވެސް، މެޗުން މޮޅުވާނީ އެދުވަހެއްގައި ދަނޑު މަތީގައި ދައްކާ ކުޅުމުންކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ. އެސްޓީއޯ މާލޭ ލީގުގައި މިރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުނަން ޖެހޭ މެޗަށް އިޝާރާތްކޮށް ނިއުގެ ކުރީގެ ޑިފެންޑަރ ސޮބާ ބުނީ ނަމުން ނިއު ރޭޑިއަންޓް ކިތަންމެ ބޮޑު ނަމަވެސް، ގްރީން ސްޓްރީޓުން ނިއުއަށް އެންމެ ތަންކޮޅެއްވެސް ދޫނުކުރާނެކަމަށެވެ.

"ނިއުއަކީ ބޮޑު ޓީމެއް، ކުޅުންތެރިންވެސް ގްރީން ސްޓްރީޓާ އަޅާބަލާއިރު މޮޅު، މެޗުގައި މުހިންމުވަނީ ކުޅުންތެރިން ދައްކާ ކުޅުން، ކޮންމެ މެޗްއެއްގައިވެސް މޮޅުވާނީ އެދުވަހެއްގައި ރަނގަޅަށް ތައްޔާރުވެ، މެޗުގައި ރަނގަޅަށް ކުޅޭ ޓީމެއް. ގްރީން ސްޓްރީޓްގައި ތިބި ކުޅުންތެރިންނާ އަޅާ ބަލާއިރު ނިއުގެ ކުޅުންތެރިން ނަމުން ކިތަންމެ ބޮޑު ނަމަވެސް، ގްރީން ސްޓްރީޓށް ނިއު ބަލި ކުރެވިދާނެ." ސޮބާ ބުންޏެވެ. 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗް ބެނާޑޯ ޓަވަރޭޒް ބުނީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓީމަކާ ބަލާއިރު ގްރީން ސްޓްރީޓް ފެންނަނީ ވަރަށް ތަފާތު ޓީމެއްގެ ގޮތުގައިކަމަށެވެ. މިއަހަރު ގްރީން ސްޓްރީޓުން ކުޅެފައިވާ މެޗުތައް ބަލާއިރުވެސް މެޗަކަށްވުރެ މެޗެއް ރަނގަޅުކުރަމުންދާކަން ފާހަގަކުރެވޭކަމަށް ނިއުގެ ކޯޗު ފާހަގަކުރިއެވެ. ނިއުއިންވެސް މެޗު ފަސޭހަކޮށް ނުނަގާނެކަމަށާއި، ބޭނުންވަނީ މެޗުން މޮޅުވެގެން ތިން ޕޮއިންޓް ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗް ބެނާޑޯ ޓަވަރޭޒް ބުންޏެވެ.

"ގްރީން ސްޓްރީޓަކީ މޮޅު ޓީމެއް، އަހަރެމެންނަށް މެޗު ފަސޭހައެއް ނުވާނެ. ޕްރީ ސީޒަންގައި ގްރީން ސްޓްރީޓާ ވާދަކުރި މެޗް ނިމިފައިވަނީ ދެ ލަނޑު ދެ ލަނޑުން. އެޓީމްގެ ބޭރު ކުޅުންތެރިންނާއި ތަޖްރިބާ ކާރު ކުޅުންތެރިން މެޗުގައި ވަރަށް ތަފާތު ދައްކާ. އެހެންވީމަ އަހަރެމެން މެޗުގައި ގޯލް ޖެހުމުގެ އިތުރަށް، ޑިފެންސްއަށްވެސް ވިސްނަނެ ޖެހޭނެ." ނިއުގެ ކޯޗް ބުންޏެވެ. 

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ނުވައެއް ޖަހާއިރުއެވެ.