ތަޢުލީމު

ދިގުރަށު ސްކޫލްގެ ރަންޔޫބިލް ކުލަގަދަކޮށް ފާހަގަކޮށްފި


އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ސްކޫލަށް 50 އަހަރުފުރުމުގެ ރަންޔޫބިލް ހަފްލާ ކުލަގަދަކޮށް ބާއްވައިފިއެވެ. ދިގުރަށު ސްކޫލްގެ ރަންޔޫބިލް ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމްއެވެ. އެކަމަނާ ވަޑައިގަތުމުން، ސްކޫލް ދަރިވަރުން ވަނީ ހަތްކޮޅުގައި އެކަމަނާއަށް ޝަރަފްދެއްވާފައެވެ. އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިގް އިބްރާހީމްވެސް މި ހަފްލާގައި ބައިވެރިވެޑައިގެންނެވިއެވެ. 

img:http://s1.psmnews.mv/images/660x400/14933764132380.jpg|ދިގުރަށު ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ރަންޔޫބިލް ޖަލްސާގައި ސްކޫލް ދަރިވަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ. މި ހަފްލާގައި ރަށުގެ ތައުލީމަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަން ކުރައްވާފައިވެއެވެ. ދިގުރަށުގައި ރަސްމީ ސިފައެއްގައި ތައުލީމް ދޭން ފަށާފައިވަނީ 1967 ވަނަ އަހަރުއެވެ. މެދުކެނޑުމެއް ނެތި 50 އަހަރު ތައުލީމީ ދާއިރާއިން ދިގުރަށުގެ ރައްޔިތުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައިވެސް ދިގުރަށުގެ ރައްޔިތުން ރަށުގެ ތައުލީމު ކުރިއެރުވުމަށް ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަން ކޮށްފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14933764325677.jpg|ދިގުރަށު ސްކޫލްގެ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދިގުރަށު މަދަރުސާގެ 50 ވަނަ ރަންޔޫބިލް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އެ ސްކޫލްން ވަނީ ނިންމާފައެވެ. އެގޮތުން މާދަމާ ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.