ޚަބަރު

އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2017 ބާއްވައިފި


މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކިކަހަލަ ހިތާމަވެރި ޙާދިސާތައް މަދުކޮށް، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް ކޮންފަރެންސް 2017" ގެ ނަމުގައި ޚާއްޞަ ކޮންފަރެންސެއް ބާއްވައިފިއެވެ. 

މި ކޮންފަރެންސް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ރާއްޖޭގައިވެސް މަސައްކަތްތެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ މީހުންގެ ނިސްބަތް ގިނަކަން ފާހަގަކުރައްވައި، މިފަދަ ދުވަހެއް ރާއްޖޭގައި ފާހަގަކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. 

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، ރާއްޖެ ތަރައްޤީގެ އާ އުސްމިންތަކަކާ ދިމާއަށް މިޞްރާބުޖަހާފައިވާ މިފަދަ ދަނޑިވަޅެއްގައި ހުރިހާ ސިނާޢަތެއްގައިވެސް ޙަރަކާތްތެރިވާ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެކަމަށެވެ.

މަސީގެ ފަރާތުން ވާހަކަދައްކަވަމުން އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޖަނާޙް ޢަލީ ވިދާޅުވީ، ކޮންމެ ކުންފުންޏެއްގައިވެސް ސޭފްޓީ ޕޮލިސީއެއް އޮތުން މުހިއްމުކަމަށެވެ. އަދި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއި އެކިކަހަލަ ޤާނޫނުތަކާއި، ޤަވާޢިދުތައް ހެދިފައިވާއިރު، އެފަދަ ކަންކަން ތަންފީޒުކުރުމުގައި ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ޖަނާޙް ފާހަގަކުރެއްވިއެވެ.

ޗަންޕާ ސެންޓްރަލް ހޮޓެލްސްގައި ބޭއްވި އެއްދުވަހުގެ މި ކޮންފަރެންސްގައި މަސައްކަތުގެ މާޙައުލުގައި ދިމާވާ އެކި ކަހަލަ ޙާދިސާތައް މަދުކުރުމާއި، ނުރައްކާތެރި ޙާދިސާއެއް ހިނގައިފި ޙާލަތެއްގައި ޢަމަލުކުރަންވީ ގޮތާއި، އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. އަދި މި ކޮންފަރެންސްގައި މަޝްވަރާކުރެވޭ ކަންކަން ކަމާގުޅޭ އިދާރާތަކާއި ޙިއްޞާކުރުމަށް ވަނީ ހަމަޖެހިފައެވެ.