ޚަބަރު

އެއްވެސް މީޑިއަމެއްގައި ދީނަށް ފުރައްސާރައެއް ނުކުރެވޭނެ- ރައީސް


ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ދީނަށް ފުރައްސާރަކުރާ ވާހަކަތައް އެމީހަކު ބޭނުން ގޮތަކަށް ބޭނުން މީޑިއަމެއްގައި ލިޔެވޭނެކަމަށް ސަރުކާރުން ޤަބޫލުނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ތަފާތު އެކި ވާހަކަތައް ފަތުރަމުންދާއިރު، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ހޭޓް މެސެޖްތަކާއި، ނުރައްކާތެރި ވާހަކަތައް ސޯޝަލް މީޑިއާގައި ޙިއްސާކުރާނަމަ އެކަން ކުރާ މީހުންނަށް ނުހަނު ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރުމަށް ނިންމާފައިވާކަމަށެވެ.

ރާއްޖޭގައި ޑިމޮކްރަސީ ނެތްކަމަށް ދެއްކުމުގެ މަޤުސަދުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ދީނަށް ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޓެރަރިސްޓެއްގެ ގޮތުގައި މީހުން ބަލާނީ ހަމައެކަނި ތަންތަން ގޮއްވާލާމީހުން ނޫންކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން އެމަނިކުފާނު މިއަދުވެސް ވިދާޅުވީ، މީހުންގެ ނަފުރަތު އަމާޒުވާ ވާހަކަތައް އެކި ގޮތްގޮތުން ފަތުރާ މީހުންނާމެދު ކޮންމެ ފަދަ ކަމެއް ކުރަން ކެރިދާނެ ބަޔަކުވެސް މުޖުތަމަޢުގައި އުޅެދާނެކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް އިހާނެތި ގޮތްގޮތަށް އެފަދަ މީހުންނާމެދު ޢަމަލު ކުރާތަން މަދުންނަމަވެސް ފެންނަމުންދާކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.

"މައުސޫމު މީހެއް އެނާގެ ތަސައްވުރު ރައްޔިތުންގެ ތެރޭގައި ގޯސްކުރުމައްޓަކައި ހޭޓް މެސެޖް ލިޔަމުން ލިޔަމުން ގޮސް އެމީހަކީ ބިރުވެރި ނުރައްކާތެރި މީހެއްކަމަށް ދެންތިބި ރައްޔިތުން ނޫނީ، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ޤަބޫލުކުރެވޭ ހިސާބަށް ދިޔައިމަ، އެމީހަކާ ދޭތެރޭގައި ކޮންމެ ފަދަ ކަމެއް ކުރުމަށްވެސް ކެރޭނެ ބަޔަކު އުޅެދާނެ. އެހެންވީމަ، މައުސޫމު މީހަކީ އެހެންމީހުން ބިރުގަންނަ ޖައްބާރު މީހެއްގެ ގޮތުގައި މިދައްކުވައިދެނީ. ދައްކުވައިދިނީމަ އޭނަގެ އަޖަލު އޭނަޔާ ހަމަވާއިރު، މިނުކުންނަނީ ހަމަ ހަޤީގަތުގައިވެސް ކޮންމެވެސް ރަހުމްކުޑަ ބައެއްގެ އަނިޔާގެ ޝިކާރައަކަށްވެގެން ގޮސް ނިމެނީ ދެއްތޯ."

ރައީސް ވިދާޅުވީ، ރާއްޖޭގެ މުޅި މުޖުތަމަޢު ސަލާމަތުން އޮތުމަށްޓަކައި ދީނަށް ފުރައްސާރަކޮށް ވާހަކަ ނުދައްކައިވެސް މީޑިއާގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ކުރިއަށްގެންދެވޭނެކަމަށެވެ.