ޚަބަރު

"ލީޑަރުން އެދޭނަމަ ނަޝީދު މިނިވަންކުރަން މަސައްކަތްކުރެވިދާނެ"


ސިޔާސީ ލީޑަރުން އެދިވަޑައިގެންފިނަމަ ކުރީގެ ރައީސް މުޙަންމަދު ނަޝީދު މިނިވަންކުރުމަށް ޕީޕީއެމް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެވިދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕާޓީ، ޕީ.ޕީ.އެމްއާ އަލަށް ގުޅުނު މެންބަރުންގެ މެމްބަޝިޕް ފޯމްތައް އެޕާޓީގެ މުސްތަޝާރަށް އެރުވުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ ބައެއް ސިޔާސީ ލީޑަރުން ގުޅިވަޑައިގެން، ޤައުމު އިޞްލާޙްކުރެއްވުމަށް، މަސައްކަތް ކުރައްވާކަމަށް ވިދާޅުވިނަމަވެސް އެކަން ފެނިވަޑައިނުގަންނަވާކަމަށެވެ. ޤައުމުގެ ކަންކަން އިޞްލާޙްކުރުމަކީ، ކަމަކާ ޙަވާލުވެހުރި މީހަކު މަޤާމުން ވަކިކުރުން ނޫންކަމަށާއި،  ސަރުކާރު ހިންގުމުގައި އިޞްލާޙްކުރަންވީ ކަމެއް އިދިކޮޅު ލިޑަރުން ވިދާޅުވުމަށް ސަރުކާރުގެ ފަރާތުން އިލްތިމާސްކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޤައުމު އިޞްލާޙުކުރުމަށްޓަކައި، ވާހަކަދައްކާނަމަ، އެކަމަށް ސަރުކާރުން ފުރުޞަތުދެއްވާނެކަމަށާއި، މިހާރުވެސް އެކަމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުއްވާފައިވާނެކަމަށެވެ. އެހެންނަމަވެސް ޤައުމު އިސްލާޙްކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރައްވާފައިވާނީ މިހާތަނަށްވެސް ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅު ސިޔާސީ ލީޑަރުން ކޯލިޝަން ހައްދަވައިގެން މަސައްކަތް ކުރައްވާ ދުވަސްކޮޅެއްގައި ޤައުމުގެ މުހިއްމު ކަންކަމާމެދު ވަކާލާތުކުރުމަށް ޕާޓީތަކުން ބާރުއަޅައި މަޝްވަރާތަކުގައި އެޕާޓީތަކުގެ ލީޑަރުން ބައިވެރިކުރެވޭނެ ފުރުސަތުވެސް އެބައޮތްކަމަށެވެ. އެގޮތުން ޤާނޫނީގޮތުން ބަންދުވެފައިވާ ލީޑަރުން މިނިވަންކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްކުރެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ކުރީގެ ރައީސް ނަޝީދު މިނިވަން ކުރަން ބޭނުންވާނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ވަކިވަކިން އެގޮތަށް އެދިވަޑައިގެންފިނަމަ، ޤާނޫނުތަކަށް ބަދަލުގެނެސްގެން އެކަންކުރެވޭތޯ މަސައްކަތްކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، ރައީސް ނަޝީދުވެސް މިނިވަން ވާންކަމަށްވަންޏާ، އަޅުގަނޑަށް އިދިކޮޅުގައި ތިބި ހުރިހާ ލީޑަރުން ވަކިވަކިން ސިޓީ ފޮނުއްވާ!  ރައީސް މައުމޫނުވެސް ފޮނުއްވައި ދެއްވާ. އިމްރާނުވެސް ފޮނުއްވައިދެއްވާ. ރައީސް ނަޝީދުވެސް ފޮނުއްވައިދެއްވާ. އަދި ޤާސިމް އިބްރާހިމްވެސް ވަކިން ސިޓިއެއް ފޮނުވައިދީ ޕާޓީ ނޫން މިއިން ކޮންމެ ބޭފުޅަކު ސޮއިކުރައްވާފައި ނޫނީ އެބޭފުޅެއްގެ ހައިސިއްޔަތުން ސޮއި ކުރައްވާ، ތިމެންނަމެން ކޮންމެ މީހަކު ބޭނުމޭ ރައީސް ނަޝީދު މިނިވަން ވާން، އަދި މިކަން ކުރަން ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް ގެނެސްދޭން. އޭރަށް އަޅުގަނޑަށް އަޅުގަނޑުގެ ޕީ.ޖީ ލީޑަރަށް ހުށައަޅައިގެން މަޖިލިސް ތެރޭގައި ކިހާވަރެއްގެ ރުހުމެއްތޯ މިއަށް ހޯދޭނީ އަޅުގަނޑުމެންނަށް ބެލިދާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކަންކަން ކުރެވޭނެ ތަފާތު މަގުތައް ހުރިއިރުވެސް ދިވެހިރާއްޖެ ބަދުނާމުކުރުން ނޫންކަމެއް އިދިކޮޅު ފަރާތްތަކުގެ ކިބައިން ފެނިވަޑައިނުގަންނަވާކަމަށެވެ. އެގޮތަށް ކަންކަން ކުރުމުން ޤައުމަށް ލިބޭ ގެއްލުންތައް ނުހަނު ބޮޑުކަމަށާ، އޭގެބަދަލުގައި ކަންކަން ހައްލުކުރުމަށް އެކުގައި މަސައްކަތްކުރެވޭ ބައެއްކަން ބޭރުދުނިޔެއަށް ދައްކައިދީފިނަމަ ދުނިޔޭގެ އެކިހިސާބުތަކުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެންމެހައި ރައްޔިތުންގެ ފައިދާއަށްޓަކައި ސިޔާސީ ލީޑަރުން އެއްބަސްވުމަކަށް އައުމަށްވެސް ރައީސް ޔާމީން ގޮވާލެއްވިއެވެ.

"މިއަދުވެސް ސިޔާސީ ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ، ހިންގަވާށޭ މުޅިރާއްޖޭގެ ރައްޔިތުންގެ މަސްލަހަތައް ފައިދާއަށް ކުރިމަގަށް އަޅުގަނޑުމެން އެއްބަސްވާ ކަންތައްތަކަށް އެއްބަސްވާން. އެކަންކަމުގައި ހުރިހާ އެންމެންވެސް ޖެހޭނެ އެއްގަލަކަށް އަރައިގެން މަސައްކަތް ކުރަން. ދެން ސިޔާސީ ގޮތުން ހުންނަ ޚިޔާލު ތަފާތުވުންތައް.. އެކަން ހިންގަވާ 2018 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ނިންމަމާ. އެނޫން ގޮތަކަށް ކިހިނެއްތޯ ދިވެހިރާއްޖެ ކުރިއަށް ދާނީ. ހުރިހާ އެންމެން ވެރިކަން ކުރަން ބޭނުންވޭ. އެކަކު ވެރިކަން ކުރިޔަދޭކަށް ބޭނުމެއް ނުވޭ. އެކަމަކު ވެރިކަން ކުރާނެ މީހެއް ދައްކާކަށްވެސް ބޭނުމެއް ނުވޭ.. މިހެން ރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ ދެތްތޯ؟ އަނެއްކާ މީގެ ގިނަ މީހުންނަކީ ވެރިކަމުގެ ރާހަތްކޮށްފައި ހުރި މީހުން، ވެރިކަންވެސް ކޮށްފައިތިބި މީހުން. އެހެންވީމަ ކޮންމެވެސް ހަމަޖެހޭ އެއް އުސޫލަކުން އަޅުގަނޑުމެންނަށް މިކަން ކުރެވެންވާނެ" ރައީސް ޔާމީން ވިދާޅުވިއެވެ.  

ސަރުކާރުން ކުރައްވާ ކަންތައްތަކަށް އެކިއެކި ޕޯޑިއަމްތަކުގައި ފާޑުވިދާޅުވާ ބޭފުޅުން ޖަވާބުދާރީކުރުވުމަށް ތަޙްގީގީ އިދާރާތަކަށް ގެންދިއުމުން ހަނު ތިއްބެވުމާއި، ކޯޓު މަރުހަލާގައި ކުރިން ވިދާޅުވެފައިވާ ވާހަކަތައް ހަނދާން ނެތުމާއި، އެކަމަށް އެއްޗެއް ވިދާޅުނުވެ ތިބުމަކީ ހައްލެއް ނޫންކަމަށާއި، އެފަދަ ތަންތަނަށް އެއްބާރުލުންދީ ރައްޔިތުން ކުރިމަތީގައި ތިމާއަކީ ކުށެއްނެތް މީހެއްކަން ސާބިތުކުރުން މުހިއްމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.