ދުނިޔެ

ރަޝިޔާގެ ސިފައިން ޔުކްރެއިންއަށް ފޮނުވުން ޖީ-އެއިޓްއިން ކުށްވެރިކޮށްފި.





 


ރަޝިޔާގެ ސިފައިން ޔުކްރެއިންއަށް ފޮނުވުމާ ގުޅިގެން، ރަޝިޔާވެސް ހިމެނޭ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 8 ގައުމު ޖީ-އެއިޓްއިން މިކަން ކުށްވެރިކޮށްފިއެވެ.


 
މިމައްސަލައިގެ ސަބަބުން މިއަހަރުގެ ޖޫން މަހު ރަޝިޔާގައި އޮންނަ ޖީ-އެއިޓް ސަމިޓްގެ ތައްޔާރީތައް ހުއްޓާލުމަށްވެސް އެއިއްތިހާދުން ވަނީ ނިންމާފައެވެ.


  
ޔުކްރެއިންގެ އިންތިޚާބު ކުރެވިފައިވާ ސަރުކާރު ވައްޓާލާ އެގައުމުގައި ވަގުތީ ސަރުކާރެއް ޤާއިމުކޮށްފައިވާއިރު، މި ވަގުތު އެގައުމު އޮތީ ހަނގުރާމައެއްގެ ތުންފަތްމަތީގައެވެ.


 
ޔުކްރެއިންގައި ތިބި ރަޝިޔާގެ ދަރިކޮޅުގެ މީހުންނާއި ރަޝިޔާއަށް ވާގިދޭ މީހުންގެ ހިމާޔަތުގައި ޔުކްރެއިންގެ ކްރިމިއާ ޕެނިންސިއުލާއަށް ރަޝިޔާގެ ސިފައިން ފޮނުވުމަށް އެގައުމުގެ ރައީސް ވްލަޑްމިޔަރ ޕޫޓިން ވަނީ ޢަމުރުކުރައްވާފައެވެ.


 
ރަޝިޔާގެ މިޢަމަލަކީ ހަނގުރާމައިގެ އަމަލެއް ކަމަށް ބުނެ ޔުކްރެއިންގެ ވަގުތީ ސަރުކާރުން ވަނީ އެގައުމުގެ އަސްކަރިއްޔާ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.


 
މިކަމުގެ ސަބަބުން ވިލާތުގައި ނުތަނަސްކަން އުފެދިފައިވާއިރު، ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ރަޝިޔާގެ ސިފައިން ޔުކްރެއިނުން ބޭލުމަށް ގޮވާލާފައެވެ.


 
މިދަނޑިވަޅުގައި، ދުނިޔޭގައި ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ 8 ގައުމު ނުވަތަ ޖީ-އެއިޓްގެ ގައުމުތަކުން ވަނީ ރަޝިޔާގެ މިޢަމަލު ކުށްވެރިކޮށްފައެވެ. މިކަމާ ބެހޭ ގޮތުން އެއިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާއިން ޔުކްރެއިންގެ ސިޔާދަތާ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށެވެ.


 
މިމައްސަލައިގެ ސަބަބުން މިއަހަރުގެ ޖޫން މަހު ރަޝިޔާގައި އޮންނަ ޖީ-އެއިޓް ސަމިޓްގެ ތައްޔާރީތައް ހުއްޓާލާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.


 
ރަޝިޔާގެ އިތުރުން ޖީ-އެއިޓްގައި ހިމެނެނީ އެމެރިކާ، ކެނެޑާ، ފަރަންސޭސިވިލާތް، އިޓަލީވިލާތް، އިނގިރޭސިވިލާތް، ޖަރުމަނިވިލާތް އަދި ޖަޕާނު ހިމެނެއެވެ.


 
ޔުކްރެއިންއަށް މާލީ އެހީތެރިކަން ދިނުމަށް އެއިއްތިހާދުން ތައްޔާރަށް އޮތް ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.


އަނެއްކޮޅުން، ޔުކްރެއިނާ ރަޝިޔާގެ މައްސަލަ ހައްލުކުރުމުގައި އެހީވުމަށް އދގެ އިސް މަސްޢޫލުވެރިއެއް ވަރަށް އަވަހަށް ޔުކްރެއިންއަށް ވަޑައިގަންނަވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫން ވަނީ ވިދާޅުވެފައެވެ.


 
މިމައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް މިއަދު ކުރިއަށްދާނެއެވެ.


މި ބައްދަލުކުރެއްވުމުގައި މިކަމުގައި ވިލާތުގެ އިއްތިހާދުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ޚަބަރު ލިބެއެވެ.