ކުޅިވަރު

މެޗު ލަސްކޮށް ނުދިނުމުން މާޒިޔާ ކޯޗު ހިތްހަމަ ނުޖެހުން ފާޅުކޮށްފި


މާލޭ ލީގުގައި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗު އެފް.އޭ.އެމުން ފަސްކޮށް ނުދިނުމުގެ ސަބަބުން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.

މިއަދު އެފް.އޭ.އެމް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނީ މާޒިޔާ އަންނަ ބުދަ ދުވަހު ނިކުންނާނީ އެޓީމާ ދިވެހި ފުޓްބޯޅައިގައިވެސް މިހާތަނަށް މިސީޒަންގައި ކުޅޭ އެންމެ މުހިއްމު މެޗަށް ކަމަށެވެ. އެއީ އޭ.އެފް.ސީ ކަޕްގައި މޯހަން ބަގާން އާއި ބައްދަލުކުރާ މެޗެވެ. އަދި އެމެޗަށް ނިކުތުމުގެ ކުރިން ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ވަރަށް ބޮޑަށް ޓީމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، އެހެންނަމަވެސް އެފް.އޭ.އެމްގައި މާލޭ ލީގުގެ މެޗު ލަސްކޮށްދޭން އެދުމުން އެކަން ނުވާނެކަމަށް އެފްއޭއެމުން އަންގާފައިވާކަންވެސް މާޒިޔާގެ ކޯޗު ފާހަގަކުރިއެވެ.

މާޒިޔާގެ ކޯޗު ވަނީ އެފް.އޭ.އެމްގެ ޝެޑިއުލްއަށް މީގެކުރިންވެސް ގިނަ ބަދަލުތަކެއް ގެނަސްފައިވާކަން ފާހަގަކޮށް، މާޒިޔާ އެއްމެ މެޗެށް ލަސްކޮށްލަދޭން އެދުމުން އެކަން ނުވިކަމަށް ބުނެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

މީގެއިތުރުން މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުނީ މާލޭ ލީގުގައި ކުޅޭ ހުރިހާ ޓީމަކަށް ބަލާއިރުވެސް އެންމެ އުނދަގޫވާނީ މާޒިޔާއަށް ކަމަށެވެ. އެއީ މާޒިޔާ ހަފްތާއަކު ދެ މެޗު ކުޅެން ޖެހުމުންކަމަށް ކޯޗު ބުންޏެވެ.

"ގައުމީ ޓީމުގެ މެޗަށްފަހު މާޒިޔާ ކުޅެން ޖެހިފައި މިވަނީ، 4 އޭޕްރިލް، 13 އޭޕްރިލް، 19 އޭޕްރިލް، 25 އޭޕްރިލް، 29 އޭޕްރިލް، 3 މޭ، 8 މޭ، 12 މޭ އަދި 17 މޭގައި. ޕްރިމިއަރ ލީގުގައި ފަންސަވީސް ކުޅުންތެރިންގެ ބޮޑެތި ސްކޮޑް ގެންގުޅޭ ޓީމުތަކަށްވެސް މިފަދަ ޝެޑިއުލްއަކަށް ކުޅެން އުނދަގޫވާނެ." 

ކަރުދާސްކޮޅެއް ބަލައިގެން ޝެޑިއުލް ކިއުމަށްފަހު އެކަރުދާސްކޮޅު ބޮނޑިކޮށްލާފައި އެއްލާލުމަށްފަހު މާޒިޔާގެ ކޯޗު ސެކުލޮވްސްކީ ބުންޏެވެ.

 މިއަންނަ ހޮނިހިރު ދުވަހު މާޒިޔާ ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީ އާއި ދެކޮޅަށެވެ.