ކުޅިވަރު

އެއްވެސް މެޗަކުން ބަލިނުވެ، ވިލާ ޗެމްޕިއަންކަން ހޯދައިފި


މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދައިފިއެވެ. 

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހޯދީ ފައިނަލްގައި ދ.އަތޮޅު ތައުލީމީ މަރުކަޒު 2-0 ން ބަލިކޮށްގެންނެވެ. 

ފައިނަލް މެޗްގެ ފުރަތަމަ ހާފްގައި ނުރައްކާތެރި ހަމަތާލައް އުފެއްދީ ވިލާއިންނެވެ. ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ވިލާގެ އިޔާން އަހުމަދު ރަޝީދުވަނީ މެޗުގެ 12 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދީފައެވެ. އިތުރު ލަނޑެއް ޖަހަން ހުސް ފުރުސަތެއްވެސް އިޔާންއަށް މެޗުގައި ލިބުނެވެ. އިޔާންގެ ފޮނުވާލި ބޯޅަ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. 

ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ހަމަލާތައް އުފެއްދި ދ.އަތޮޅު ތައުލީމީ މަރުކަޒަށް މެޗުގައި ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗުގެ އިތުރު ވަގުތުގައި ވިލާގެ ދެވަނަ ލަނޑު ޖަހައިދިނީ މުޙައްމަދު ޝަމްވީލެވެ.

މިއަހަރުގެ 18 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލްގައި ދ.އަތޮޅު ތައުލީމީ މަރުކަޒު ބަލިވިއިރު، މިދިޔަ އަހަރުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލްގައިވެސް ދ.އަތޮޅު ތައުލީމީ މަރުކަޒު ވަނީ ބަލިވެފައެވެ. 

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލްގެ އިޔާން އަހުމަދު ރަޝީދެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ އަޙުމަދު ސަމާހު އަލީ، މުޙައްމަދު ޒައްޔާން، މުޙައްމަދު ޝަޒީލް، ހުސައިން އަހުޝަމް މޫސާ، އިރުޝާމް އާދަމް ނަސީރު، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އަބްދުﷲ ނާވިޝް، އަޙުމަދު ޝާވިން ޝިހާމް، އިޔާން އަޙުމަދު ރަޝީދު، މުސައްނިފް މުޙައްމަދު، ސީއެޗްއެސްއީގެ ރިޝްވާން އިސްމާއިލް އަދި އަހުމަދިއްޔާ އިންޓާރނޭޝަނަލް ސްކޫލްގެ ނޫރުއްﷲ މުފީދެވެ. 

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ އަހުމަދިއްޔާ އިންޓާރނޭޝަނަލް ސްކޫލެވެ.

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގައި މި އަހަރު 5 ސްކޫލަކުން ވަނީ ވާދަކޮށްފައެވެ.