ޚަބަރު

ދިވެހިންނަކީ ވިޔަފާރީގައި ތޫނުފިލި ބައެއް- އިންޑިއާ ސަފީރު


އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ޤައުމު ކިތަންމެ ކުޑަނަމަވެސް ދިވެހިންނަކީ ވިޔަފާރީގައި ތޫނުފިލި ބައެއްކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭސް މިޝްރާ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަފީރު މިހެން ވިދާޅުވީ، ދިވެހި އެކްސްޕޯއިން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ ވިޔަފާރިތައް ތަމްސީލްކުރާ ހެޕީ ރަމަޟާން މައުރަޒުގެ އިންޑިއާ ސްޓޭންޑް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިންޑިއާ ސަފީރު ވިދާޅުވީ، ދިވެހިންގެ ކިބައިން ވިޔަފާރީގައި ކުރިއަރާދިއުމުގެ ވައްޓަފާޅި އިންޑިއާގެ ވިޔަފާރިވެރިން ދަސްކުރަން ޖެހޭކަމަށެވެ. އިންޑިއާގެ ވިޔަފާރިވެރިންނާއި ވާހަކަދައްކަވަމުން އަކިލޭޝް މިޝްރާ ވަނީ ވިޔަފާރީގެ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި ދިވެހި ސަރުކާރާއި ދިވެހި ވިޔަފާރިތަކަށް ވަރަށްބޮޑަށް ތަޢުރީފުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. 

img:http://s3.psmnews.mv/images/660x400/14932941347440.jpg|ހެޕީ ރަމަޟާން މައުރަޒުގެ އިންޑިއާ ސްޓޭންޑް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސަފީރު ވިދާޅުވީ، ދުނިޔޭގެ ޓޫރިޒަމް ވިޔަފާރީގައި ދިވެހިރާއްޖެއަކީ ނަމޫނާ ޤައުމެއްކަމަށެވެ. އިންޑިއާގެ ވިޔަފާރިވެރިންނަށް ދިވެހިރާއްޖޭގައި ހުރި ފުރުސަތުތައް ފާހަގަކުރައްވައި ސަފީރު ވަނީ ރާއްޖޭގައި ހުރި ފުރުސަތުތައް ދެނެގަނެ، އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ.

ދަރުބާރުގޭގައި މިއަދު މެންދުރުފަހު ފެށުމަށް ހަމަޖެހިފައިވާ މި މައުރަޒުގައި ހެނދުނު ކުރިއަށް ގެންގޮސްފައިވަނީ ވިޔަފާރިތަކުގެ ބައްދަލުވުންތަކެވެ. މި ބައްދަލުވުންތަކުގައި ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ފެޑަރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޮގަނައިޒޭޝަނުގައި ހިމެނޭ ކުންފުނިތައް ބައިވެރިވެއެވެ.

މި މައުރަޒުގައި އިންޑިއާގެ އޮނަތިރީސް ކުންފުންޏަކުން ފަންސާސް ފަސް މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި އެކި އުފެއްދުންތައް އުފައްދާ ކުންފުނިތައް ހިމެނެއެވެ.