ސިއްހަތު

ޞިއްޙީ ފަރުވާގެ ގައިޑްލައިންތައް ތައްޔާރުކުރުމަށް ޙަވާލުކޮށްފި


ޞިއްޙީ ފަރުވާ ދިނުމުގައި ބޭނުންވާ ގައިޑްލައިންތައް ތައްޔާރުކުރުމަށް މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާ ޙަވާލުކުރައްވައިފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކަމާގުޅޭ އެއްބަސްވުމުގައި އެމިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ޑރ. ޢަބްދުﷲ ނިޔާފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބަބުން ރާއްޖެއިން ދެވޭ ޞިއްޙީ ޚިދުމަތްތަކަކީ ވަކި ފެންވަރެއްގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓިފައިވާ ޚިދުމަތްތަކަށް ވެގެންދާނެކަމަށެވެ. އަދި މި ގައިޑްލައިންތަކުގެ ސަބަބުން ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް މަދުކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މީގެ ސަބަބުން އަޅުގަނޑު ޤަބޫލުކުރަނީ ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގެން ދިއުމަށް އޮތް ވަރަށްބޮޑު އެހީއެކޭ. ދުނިޔޭގެ ވަރަށް ގިނަ ސިއްޙީ ނިޒާމްތަކުގައި މިކަމަކީ ވަރަށް ހަރުދަނާ ގޮތެއްގައި ޕްރެކްޓިސް ކުރަމުން އަންނަ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14932934021738.jpg|ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ.އަބްދުﷲ ނިޔާފް ވިދާޅުވީ މި ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާނީ އެ ދާއިރާތަކުން ތަޖުރިބާހުރި ދިވެހި ޑޮކްޓަރުން ކަމަށެވެ. އަދި މި ގައިޑްލައިންތައް ތައްޔާރުކުރުމުގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަންވެސް ލިބޭނެކަމަށް ނިޔާފް ވިދާޅުވިއެވެ.

"ރާއްޖޭގައި މިހާރުވެސް ގައިޑްލައިންތަކަށް ޢަމަލުކުރެވެމުންދޭ. އެހެން ނަމަވެސް ރާއްޖެއަށް ޚާއްސަކުރެވިގެން ހެދިފައިވާ ގައިޑްލައިންތަކެއް ނެތް. އަޅުގަނޑުމެން ބަލަމުން މިދަނީ ބޭރު ޤައުމުތަކުގައި، އެ ޤައުމުތަކުގެ ހާލަތަށް ބަލައި ތައްޔާރުކުރެވިފައި ހުރި ގައިޑްލައިން ތަކެއް. އެހެންކަމުން ރާއްޖޭގެ ޙާލަތާއި، ކަންކަމަށް ބަލައި ގައިޑްލައިންތައް ތައްޔާރުކުރުމުން އޭގެ ރަނގަޅު ބަދަލު ފެންނާނެ." ނިޔާފް ވިދާޅުވިއެވެ. 

މި ޕްރޮޖެކްޓުގައި 76 ޓްރީޓްމަންޓް ގައިޑްލައިން ތަޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އައި.ޑީ.ބީ ގެ ހިލޭ އެހީގައި ހިންގަވާ މި ޕްރޮޖެކްޓަށް ދުއިސައްތަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.