ކުޅިވަރު

ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުށި ދިފާއުކޮށްފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ޒޯން 3 ގެ ޗެމްޕިއަންކަން އޭދަފުށި ދިފާއުކޮށްފިއެވެ. ބ.އަތޮޅުގެ ޗެމްޕިއަން އޭދަފުށި ޒޯންގެ ޗެމްޕިއަންކަން ދިފާއުކުރީ މިއަދު ހަވީރު އޮޅުވެލިފުށީގައި ކުޅުނު ފައިނަލްގައި 3-1 ން އޮޅުވެލިފުށި ބަލިކޮށްގެންނެވެ. 

މެޗުގައި އޭދަފުށި ޓީމްގެ ތިން ލަނޑު ކާމިޔާބުކޮށްދިނީ އަބުދުލްމަޖީދު (މަޖިއްޓެ) އާއި އިޝާން އިބްރާހީމް (ޝައްޓު) އެވެ. ޝައްޓު މެޗުގައި ދެ ލަނޑު ޖެހިއެވެ. އޮޅުވެލިފުށީގެ ލަނޑު ޖެހީ ހަސަން ޒަރީރެވެ.

ރާއްޖޭގެ ޗެމްޕިއަން އޭދަފުށި ދެން ވާދަކުރާނީ އަށް ޒޯންގެ ޗެމްޕިއަނުން ވާދަކުރާ ދިވެހި ލީގު ކޮލިފައިންގ ބުރުގައެވެ. ކޮލިފައިންގ ބުރުން ދިވެހި ލީގަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ގަދަ ހަތަރު ޓީމް ދިވެހި ލީގުގައި ވާދަކުރާނީ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރު ޓީމާއެވެ. އެޓީމްތަކުގައި އޭދަފުށީގެ ގިނަ ކުޅުންތެރިން ހިމެނެއެވެ.

ދިވެހި ލީގު ކޮލިފައިންގ ބުރު އޮންނާނީ ރޯދައިގެ ފަހުންނެވެ.