ކުޅިވަރު

އީގަލްސްއަށް ކްލަބް މޯލްޑިވްސްކަޕްގެ އަސަރު


ޓީމްގައި ހިމެނޭ މުހިންމު ބައެއް ކުޅުންތެރިން ފުޓްސެލް މުބާރާތަށް ދޫކުރިނަމަވެސް ޓީސީ މެޗު ފަސޭހަކޮށް ނުލާނެކަމަށް ކުލަބް އީގަލްސްގެ ކޯޗް އިޙުސާން އަބްދުލް ޣަނީ ބުނެފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކުލަބާ ވާދަކުރާ މެޗަށް އިޝާރާތްކޮށް އިހުސާން ބުނީ މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސް ކަޕްގައި އީގަލްސްގެ މުހިންމު ބައެއް ކުޅުންތެރިން އޮފީސް ތަމްސީލް ކުރުމުގެ ގޮތުން ކުޅެން ޖެހިފައިވާކަމަށެވެ. އެއީ ކުލަބަށް ލިބޭ ވަރަށް ބޮޑު ހީނަރުކަމެއްކަމަށް ސާންތި ބުންޏެވެ. އީގަލްސްގެ މުބީންއާއި ރީހާންއަކީ މިހާރު ކުލަބަށް ވަރަށް މުހިންމު އަދި ޓީސީ މެޗުގައި މުޙިންމު ދައުރެއް އަދާކުރެވޭނެ ދެ ކުޅުންތެރިންކަމަށް ސާންތި ފާހަގަކުރިއެވެ. ނަމަވެސް އެދެ ކުޅުންތެރިންވެސް ވަނީ ކްލަބް މޯލްޑިވްސްކަޕަށް ދޫކޮށްފައެވެ.

" އެދެ ކުޅުންތެރިންނަކީ ވަރަށް މުހިންމު ދެ ކުޅުންތެރިން، މެޗްގައި ތަފާތު ގެނެވޭނެ ދެ ކުޅުންތެރިން. އަޅުގަނޑު ބޭނުމެއް ނޫން ދެ މެޗު އެހާ ކައިރި ކައިރީގައި ކުޅުންތެރިން ލައްވާ ކުޅުވާފަ، ކުޅުންތެރިންނަށް އަނިޔާވާކަށް. މިހާރު ލީގަށް ބަލާއިރު އަދިވެސް އީގަލްސްއަށް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އޮބައޮތް. އެހެންވީމަ، ރިސްކެއް މިނަގަން ޖެހުނީ. މުޅި ސީޒަނަށް ކުޅުންތެރިންނަށް އަނިޔާވެގެން ގެއްލުމުގެ ބަދަލުގައި އެންމެ މެޗަކަށް ކުޅުންތެރިން ދޫކޮށްލުން މާރަނގަޅު. ދެ މެޗު އެހާ ކައިރި ކައިރީގައި ކުޅެގެން ކުޅުންތެރިއަކަށް އަނިޔާ ވުމަށްވުރެ ފުޓްސެލްއަށް ކުޅުންތެރިން ދޫކުރުންވެސް މާރަނގަޅު." އީގަލްސްގެ ކޯޗް ސާންތި ބުންޏެވެ.ޓީސީ ސްޕޯރޓްސް ކުލަބްގެ ކޯޗު މުހައްމަދު ނިޒާމް ބުނީ އެންމެ ފަހުން އީގަލްސް ކުޅުނު މެޗުން އެޓީމް ބަލިވިނަމަވެސް އީގަލްސްއަކީ ވަރުގަދަ ޓީމެއްކަމަށެވެ. ފުރަތަމަ ޑިވިޝަންގައި މިހާރު ކުޅޭ ކުލަބްތަކުގެ ތެރެއިން އެންމެ އޯގަނައިޒިންގ ފުޓްބޯޅައެއް ކުޅޭ އެއް ކުލަބަކީ އީގަލްސް ކަމަށާއި، އީގަލްސްއަކީ އަބަދުވެސް ސަމާލުކަން ދޭންޖެހޭ ޓީމްއެއްކަމަށް ނިޒާމް ބުންޏެވެ. ބައްޔަކަށް ފަހު ދެ ކުލަބެއް ނިކުންނައިރު، ޓީސީންވެސް މޮޅެއް މުޙިއްމުކަމަށް ޓީސީ ސްޕޯޓްސް ކުލަބް ކޯޗް މުހައްމަދު ނިޒާމް ބުންޏެވެ.

"ނިއު އަތުން ބަލިވުމުން، ކުޅުންތެރިންނަށް މިހާރު ވިސްނިފައިވާނީ ޓީސީއަކީވެސް ބަލި ކުރެވޭނެ ޓީމެއްކަން. މެޗުގައި ބޭނުންވަނީ ދަނޑު މަތީގައި ދައްކާ ކުޅުން. މެޗު ރަގަނޅަށް ފެށިއްޖެނަމަ، އެޓީމަކަށް މޮޅުވުމުގެ ފުރުސަތު ބޮޑު. އީގަލްސްއަކީ ތަފާތު ޓީމެއް. ނިއު މެޗުގައި ކުޅުންތެރިންނަށް މާރަނގަޅު ކުޅުމެއް ދެއްކިފައެއްނުވޭ، ނަމަވެސް އީގަލްސް މެޗު ތަފާތުވާނެ. ޓީސީގެ އަސްލު ފެންވަރުގައި ކުޅުމަށް މިހާރުވަނީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ވިސްނަދީފަ."  ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ. 

ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބް އީގަލްސްވެސް އޮތީ 7 ޕޮއިންޓާއެކުއެވެ. ނަމަވެސް ގޯލްގެ ތަފާތުން ޓީސީ އޮތީ ލީގުގެ 4 ވަނާގައެވެ. އަދި އީގަލްސް އޮތީ ލީގްގެ 5 ވަނާގައެވެ.