ޚަބަރު

ފާލްސާގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެހިއްޖެ


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ގދ. ނަޑެއްލާގައި އަލިފާން ރޯވި, ފާލްސާ ގޭގެ މީހުންނަށް ވަގުތީގޮތުން ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވައިފިއެވެ.

އެ ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން މިވަގުތު ހުރި ދަތިތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުން 50،000 ރުފިޔާ ދެއްވެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ލިބުނު ގެއްލުންތައް ބެއްލެވުމަށްފަހު، އެ ގޭގެ ވެރިފަރާތަށް އެ ގެއްލުމުގެ ބަދަލު ދެއްވާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ. މީގެ އިތުރުން އެ ގޭގެ މީހުންނަށް މިވަގުތު ހުރި ދަތިތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުން މަޑަވެލި ދާއިރާގެ މެމްބަރ މުޢާޒް މުޙައްމަދު ރަޝީދުވެސް ވަނީ 12 ހާސް ރުފިޔާ ދެއްވާފައެވެ.

ގދ. ނަޑެއްލާ ފާލްސާގޭގައި މިއަދު ހެނދުނު ހިނގާދިޔަ އަލިފާނުގެ ޙާދިސާގައި އެގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ނާއިބު ރައީސް އަބްދުﷲ ޖިހާދު ވަނީ ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުން، ނަޑެއްލާއަށް ވަޑައިގެން އެގޭގެ ވެރިންނާ ބައްދަލު ކުރައްވައި ލިބުނު ގެއްލުންތައް ބައްލަވާލައްވައި ހިތްވަރު ދެއްވާފައެވެ.

އެމަނިކުފާނުގެ އަރިހުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދާއި އަދި ހޯމް މިނިސްޓްރީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާނުވާއިރު މިގޭގައި އަލިފާން ރޯވިއިރު އެ ގޭގައި ހަ މީހުން ދިރިއުޅެމުންދިޔައެވެ. އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.

އެ ހާދިސާ ހިނގަން މެދުވެރިގޮތް ބެލުމަށް ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު އަންނަނީ ނަޑެއްލާގައި ޙަރަކާތްތެރިވަމުންނެވެ.