ޚަބަރު

ރިޔާޒްގެ މައްޗަށް އުފުލި ދަޢުވާގެ ހެކިބަސްނަގައިފި


ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުވާގެ ހެކިބަސްނެންގެވުން ކުރިއަށްގެންދަވައިފިއެވެ.

ޤާނޫނުލް ޢުޤޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ރިޔާޒުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާއެވެ. މިމައްސަލައިގެ ޝަރީޢަތްތައް ކްރިމިނަލް ކޯޓްގައި ފައްޓަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. އިއްޔެ ހަވީރުން ފެށިގެން ކުރިއަށްގެންދިޔަ މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި، ވަނީ މިމައްސަލައިގެ ތަޙްޤީޤް ކުރެއްވި ފުލުހުންގެ ހެކިބަސް ނަންގަވާފައެވެ.

ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ޢަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ، ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމުން، އެފޯނުގެ ލޮކް ކޯޑް ޖަހާދިނުމަށް ރިޔާޒް އިންކާރުކޮށްފައިވާތީއެވެ.

މިމައްސަލައަށް ރިޔާޒް އިންކާރު ކުރައްވާފައިވާއިރު، ރިޔާޒްގެ ފަރާތުން ދިފާޢީ ހެކިހުށައެޅުމަށް މިއަދު މެންދުރުފަހު 3 ޖަހާއިރު ޝަރީޢަތުގެ މަޖިލީހެއް ބޭއްވެވުމަށް ކޯޓުން ވަނީ ނިންމަވާފައެވެ. މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓްގެ 3 ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.