ކުޅިވަރު

އައްޑޫގައި ކުޅިވަރު ވަޞީލަތްތައް ޤާއިމްކުރަން ހަވާލުކުރައްވައިފި


އައްޑޫ ސިޓީގެ ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ޤާއިމްކުރެއްވުމަށް ދެ ކުންފުންޏަކާ ހަވާލުކުރައްވައިފިއެވެ. 

އައްޑޫ ސިޓީގެ 3 ރަށެއްގައި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރެއްވުމުގެ އެއްބަސްވުމުގެ ދަށުން އައްޑު ސިޓީގެ ހިތަދޫގައި ބަށި ކޯޓަކާއި، ނެޓްބޯޅަ ކޯޓަކާއި، ވޮލީ ކޯޓެއް ޤާއިމް ކުރެއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. މީގެކުރިންވެސް ހިތަދޫގައި ފުޓްސެލް ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ވަނީ ޤާއިމްކުރައްވާފައެވެ. އަދި ރަސްމީ ބޯޅަ ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު އެމްއާރުޑީސީއާއި ހަވާލުކުރައްވާފައިވާކަމަށް ޔޫތް މިނިސްޓްރީން މަޢުލުމާތުދެއްވައެވެ. 

މިއެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގައި ވޮލީ ކޯޓަކާއި، ނެޓްބޯޅަ ކޯޓަކާއި ބަށި ކޯޓެއް އެޅުމަށްވެސް ވަނީ ހަވާލުކުރައްވާފައެވެ. ހުޅުދޫއާއި މީދޫގައި ސްޕޯޓްސް އެރިނާ މަޝްރޫޢުގެ ދަށުން ފުޓްސެލް ދަނޑެއް މިހާރުވެސް ވަނީ ނިންމަވާފައެވެ. ޔޫތް މިނިސްޓްރީން މަޢުލުމާތުދެއްވި ގޮތުގައި މީދޫ ފުޓްބޯޅަ ދަނޑަށް އިތުރު ކުރި ބައިގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. މި ތިން ރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމް ކުރެއްވުމަށް، ކޮންޓްރެކްޓަރުންނާއިއެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން ޤާއިމް ކުރައްވަމުން ގެންދާ ފުޓްސެލް ދަނޑުތަކާއި ކޯޓްތަކުގެ މަސައްކަތް ހަލުވި ކަމާއެކު އައްޑޫ ސީޓީ ކުރިއަށްދާކަމަށެވެ. މިއެއްބަސްވުމުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކަށް މިނިސްޓްރީގެ ބަޖެޓުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރައްވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14931999464581.gif|މަސައްކަތްތައް ހަވާލުކުރެއްވުމަށްފަހު ޔޫތް މިނިސްޓަރ ވާހަކަފުޅު ދައްކަވަނީ: ފޮޓޯ-ޕީއެސްއެމް

"މިއެއްބަސްވުމުގެ ދަށުން މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން ކޯޓްތަކާއި ދަނޑުތަކުގެ މަސައްކަތް ނިންމަންޖެހޭ. އަޅުގަނޑުމެންނެއް ބޭނުމެއްނޫން އަނެއްކާވެސް އައްޑޫ ސީޓީގެ މަޝްރޫޢުތައް މަޑުޖެހިގެންދާތަން ބަލާކަށް. މިދަނޑުތަކަކީ ވަރަށް ފެންވަރު ރަނގަޅުކޮށް ޤާއިމް ކުރެވޭ ދަނޑުތަކެއް. މިދަނޑުތައް ޤާއިމް ކުރަމުންދާއިރު، ޔޫތް މިނިސްޓްރީން ވަރަށް ރަނގަޅަށް މޮނީޓަރ ކުރަމުންދާނެ. އަދި ކުރިއަށް އޮތް ތާނގައި އިތުރު ކޯޓްތަކާއި ދަނޑުތަކުގެ އެއްބަސްވުންތަކުގައިވެސް ސޮއި ކުރެވިގެންދާނެ." ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫ ސީޓީގައި ޔޫތް މިނިސްޓްރީން ތަފާތު އެކިއެކި ޕްރޮޖެކްޓްތަކަށް 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަމަށެވެ. އަދި މިއީ އެއް އަތޮޅަކަށް ޔޫތް މިނިސްޓްރީގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކޮށްފައިވާ ސިޓީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއާއި ހުޅުމީދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުވެސް ވިދާޅުވީ ކައުންސިލްތަކުން އެއްބާރުލުން ދޭނަމަ، އައްޑޫ ސިޓީގައި ސްޕޯރޓްސް އެރިީނާ މަޝްރޫޢުގެ ދަށުން ޤާއިމް ކުރައްވާ ގިނަ ކޯޓްތަކާއި ދަނޑުތައް ޤާއިމްކޮށް ނިންމާލެވުނީސްކަމަށެވެ. އަދި ސަރުކާރުން ޒުވާނުންނަށް މިފަދަ ފުރުސަތުތަކެއް ހޯއްދަވާ ދެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވާއިރު، ކައުންސިލްތަކުންވެސް އެއްބާރުލުން ދެއްވަންޖެހޭކަމަށެވެ.

 އައްޑޫ ސިޓީ ހިތަދޫގެ ކުޅިވަރު ކޯޓްތައް އެޅުމަށް ހާވަލުކުރެއްވީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ ކޯޓްތައް އެޅުމަށް ހަވާލުކުރެއްވީ ނޫރައްދީން އިންވެސްޓްމަންޓާއެވެ.