ވިޔަފާރި

މެނޭޖްމަންޓް ދާއިރާގައި ދިވެހިން ލީޑް ކުރަންޖެހޭ- މިނިސްޓަރ


މެނޭޖްމަންޓްގެ ދާއިރާގައި ދިވެހިންނަށް ލީޑް ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށާއި، މިދާއިރާއިން ދުނިޔެއަށް ގޮތްކިޔަން ދިވެހިން ނުކުތުމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ސީއެމްޑީއޭއިން އަހަރަކު އެއްފަހަރު ބާއްވާ، ކޯރޕަރޭޓް ގަވާނެންސް ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ ލީޑާރސް، މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބިމުގެ ގޮތުން އެންމެ ކުޑަ ޤައުމަކުން، އެންމެ ކުރިއަށް ޖެހިލި ޤައުމަކީ ދިވެހިރާއްޖެކަމަށެވެ. އަދި މެނޭޖްމަންޓްގެ ދާއިރާއިން ރާއްޖެ އަންނަނީ ގިނަ ކުރިއެރުންތައް ހޯދަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހި ކިޔަވާ ކުދިން ބޭރުގެ ޤައުމުތަކުގައި މެނޭޖްމަންޓްގެ ދާއިރާއިން ބޮޑެތި ވަނަތައް ހޯދަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14931975467007.jpg| ކޯރޕަރޭޓް ގަވާނެންސް ފޮރ ޓުވެންޓީ ފަސްޓް ސެންޗަރީ ލީޑާރސް، މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ، ނާދިޔާ ހަސަން ވިދާޅުވީ ކޯރޕަރޭޓް ގަވަރނަންސްއަށް ކުންފުނިތައް އަހުލުވެރިކުރުމަށް ސީއެމްޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް ކޯރޕަރޭޓް ގަވަރނަންސްގެ ދާއިރާއިން ގިނަ މައުލޫމާތުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެއްދުވަހުގެ މުއްދަތައް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުމަކީ ރާއްޖޭގެ ކުންފުނިތައް ކޯރޕަރޭޓް ގަވަރނަންސް ކޯޑަށް އަހުލުވެރިކުރުވައި، ކޯރޕަރޭޓް ގަވަރންނަސްއާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ތިރީސްނުވަ މީހަކު ބައިވެރިވެއެވެ. މިއީ ސީއެމްޑީއޭއިން ކޯރޕަރޭޓް ގަވާނެންސް ފޮރ ޓުވެންޓީ ފަސްޓް ސެންޗުރީ ލީޑާރސް، މަސައްކަތު ބައްދަލުވުން ބާއްވާ ތިން ވަނަ އަހަރެވެ.