ޚަބަރު

ޑޮލަރުތަކެއް ބޭރުކުރަން އުޅުނު ބިދޭސީއަކު ހިފަހައްޓައިފި


ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީތެރިވެދިނުމުގެ ގޮތުން، އެހެން ބައެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ބިދޭސީއަކު އެއަރޕޯޓުން ހިފަހައްޓައިފިއެވެ. 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވާ މިމީހާ ބޭރަށް ގެންދަން އުޅުނު 69,650  ޑޮލަރު މިހާރުވަނީ ޖޫރިމަނާއާ ޓެކުހުގެ ގޮތުގައި ދައުލަތަށް ނަގާފައި ކަމަށް މީރާއިން މައުލޫމާތުދެއެވެ.

ރެމިޓެންސް ޓެކުހަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިނެއް އިންސައްތައިގެ ރޭޓުގައި ނަގާ ޓެކުހެކެވެ. އަދި ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތް ކުރުމާއި އެފަދަ ކަމަކަށް އެހީތެރިވުމަކީ ވަޒީފާއާ ބެހޭ ޤާނޫންގެ ދަށުން ކުއްވެރިވާ ކަމެކެވެ.

ރެމިޓެންސް ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެހީވެދިނުމުގެ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއްގެ ފައިސާ އެހެން ފަރާތަކުން ރާއްޖޭން ބޭރަށް ގެންގޮސްދޭން މަސައްކަތް ކޮށްފިނަމަ އެކަމުގެ އަދަބެއްގެ ގޮތުން ބޭރަށް ގެންދަން މަސައްކަތްކުރި ފައިސާއާ އެއްވަރުގެ ޢަދަދަކުން ޖޫރިމަނާ ވާނެ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.