ޚަބަރު

ހއ.ތަކަންދޫ މިސްކިތް އަންނަމަހު ނިމޭނެ- މިނިސްޓްރީ


ހއ.ތަކަންދޫގައި ސަރުކާރުން ޢިމާރާތް ކުރައްވަމުން ގެންދަވާ މިސްކިތް އަންނަމަހުގެ ނިޔަލަށް ނިންމަވައި، ބޭނުންކުރަން ފެށޭ ވަރުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ހއ.ތަކަންދޫގައި ޢިމާރާތްކުރާ މިސްކިތަކީ، ތިންސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ތަކަންދޫގައި ޢިމާރާތް ކުރާ މިސްކިތުގައި މިހާރު ކުރަމުންދަނީ، ފިނިޝިންގެ މަސައްކަތްތައްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މިސްކިތުގެ ޖުމްލަ މަސައްކަތަށް ބަލާއިރު، ފަސްދޮޅަސް އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ތަކަންދޫގައި އަލަށް ބިނާކުރާ މިސްކިތަކީ، އަލިފުޅުތުއްތު ފައުންޑޭޝަނުން ހިލޭ އެހީގައި ބިނާކުރާ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް މަރާމާތުކުރުމާއި ޢިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކުރިޔަށް މިއޮތް މޭމަހުގެ ނިޔަލަށް 18 މިސްކިތުގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށޭވަރުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.