ކުޅިވަރު

ލީގުގައި ކުރިއަށް އޮތީ 6 ފައިނަލް - ޕޮޗެޓީނޯ


ޕްރިމިއަރ ލީގުގައި ކުރިއަށް އޮތީ ހަ ފައިނަލްކަމަށް ޓޮޓެންހަމް ހޮޓްސްޕާރގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ އެއް ވަނާގައި އޮތް ޗެލްސީއާއި ދެމެދު މިހާރު 7 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށް 4 ޕޮއިންޓަށް ފަރަޤު ކުޑަކުރުމުގެ ފުރުޞަތު ޓޮޓެންހަމަށް އެބައޮތެވެ.

ލީގް ހޯދުމުގެ އަޒުމުގައި އޮތް ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ ލީގުގައި ކުރިއަށް އޮތީ ހަ ފައިނަލްކަމަށާއި، ޗެލްސީ ފަހަތަށް ޖައްސާލެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. އޭނާ ބުނީ އެންމެ ހަނި ފުރުސަތަށްވެސް މަސައްކަތްކުރާނެކަމަށާއި، ޗެލްސީއަށް ލީގު ހޯދުމުގައި އަމިއްލަ ބާރު އޮތަސް ޓޮޓެންހަމުން ދޫ ނުދޭނެކަމަށެވެ.

މި ސީޒަންގައި ޓޮޓެންހަމްގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން މިޑްފިލްޑަރ ޑެލޭ އަލީ، ކްރިސްޓިއަން އެރިކްސަން، ޑެނީ ރޯސް އަދި ކައިލް ވޯލްކަރ ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުންދާކަމަށް މީޑިޔާއިން ރިޕޯޓްކުރަމުންދާތީ ކޯޗުވަނީ އެކަމަށްވެސް ވަހަކަދައްކާފައެވެ. 

އުމުރުން 45 އަހަރުގެ ޕޮޗެޓީނޯ ބުނީ ޓޮޓެންހަމްގެ ކުޅުންތެރިން ހޯދަން ޓީމްތަކުން ބޭނުންވުމަކީ އޭނާ ހައިރާންވާ ކަމެއްނޫންކަމަށެވެ. ޓޮޓެންހަމުން ވިއްކާލާނީ ކްލަބުން ބޭނުންނުވާ ކުޅުންތެރިންކަމަށާއި، މޮޅު ކުޅުންތެރިން ވިއްކާލައި ލާރި ހޯދަން ބޭނުން ނުވާކަމަށްވެސް އޭނާ ބުންޏެވެ. 

"އަހަރެމެން ފައިސާ ބޭނުމެއް ނޫން، ތި ނަންކިޔާ އެއްވެސް ކުޅުންތެރިއެއް ނުވިއްކާނަން، ޓޮޓެންހަމުން ވިއްކާނީ ކްލަބުން ބޭނުން ނުވާ ކުޅުންތެރިން" ކޯޗު ބުންޏެވެ.

ޕްރިމިއަރ ލީގުގައި ޓޮޓެންހަމް މިރޭ ނިކުންނާނީ އާސެނަލް، ޗެލްސީ އަދި ލިވަޕޫލް ބަލިކޮށްފައިވާ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ.