ޚަބަރު

ނަޝީދުގެ ޝަރީއަތުގެ އަޑުއެހުން އަނެއްކާވެސް ކެންސަލްކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރައްވާ ދައުވާގެ މިއަދު ބާއްވަން ތާވަލްކުރި އަޑުއެހުންވެސް ކެންސަލްކުރައްވައިފިއެވެ.

މިއަދުގެ އަޑުއެހުން ކެންސަލްކުރައްވާފައިވަނީ މުޙައްމަދު ނަޝީދު ކޯޓަށް ހާޒިރުނުކުރެވުމުންނެވެ. މިއީ މިމައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލުކުރުމަށް ކެންސަލްކުރެއްވި ދެވަނަ ފަހަރެވެ. ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާވާފައިވާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން މިހާރުވެސް ކުރައްވަނީ ޓެރަރިޒަމްގެ ކުށުގެ ދައުވާއެވެ. މި ދައުވާ ނަޝީދުގެ މައްޗަށް ކުރައްވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ހުންނެވި ދުވަސްވަރު ޤަވާއިދާ ޚިލާފަށް އެމަނިކުފާނު ހައްޔަރުކުރެއްވި މައްސަލާގައެވެ.

ކޯޓަށް ރައީސް ނަޝީދު ހާޒިރު ނުކުރެވިގެން މި މައްސަލައިގެ ޝަރީއަތްތައް މިހާތަނަށްވެސް ފެށިފައިނުވާއިރު ނަޝީދު ގެންދަވަނީ ލަންކާގައި ބައެއް ސިޔާސީ ހަރަކާތްތައް ހިންގަވަމުންނެވެ. ޓެރަރިޒަމްގެ ކުށުގައި ތޭރަ އަހަރަށް ޖަލަށްލާފައިވަނިކޮށް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު އުޅުއްވަނީ އެ ޤައުމުން ހިމާޔަތް ހޯއްދަވައިގެންނެވެ.

ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ދައުލަތުން ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނެވީ އަމީން  ފައިސަލްގެ މައްޗަށްވެސް ޓެރަރިޒަމްގެ ދައުވާ ކުރައްވާފައެވެ.