ތަޢުލީމު

ކްލީކް ކޮލެޖުން 126 ދަރިވަރަކު ދަސްވެނިވެއްޖެ


ކްލީކް ކޮލެޖުގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ކްލީކު ކޮލެކްގެ 2016 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 7 ދާއިރާއަކުން 126 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޚާއްޞަ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް މުޙައްމަދު ސައީދެވެ. މިރަސްމިއްޔާތުގައި " ވޯލްޑް ޓޮޕް ޕޭޕަރ ޕްރައިޒް" ހާސިލްކޮށްފައިވާ ދަރިވަރުންނަށް އޭބީއޭއިން އަރުވާ ޝަރަފްވެރިކަމުގެ މެޑެލްއާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މި މެޑެލްއަކީ އެސޯސިއޭޝަން ފޯ ބިޒްނަސް އެގްޒެކްޓިވްސް "އޭބީއޭ ޔޫކޭ"ގެ އެކިއެކި ލެވެލްތަކުން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މާކްސްހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ. މިދިޔަ އަހަރު އެ ކޮލެޖްގެ ހަތަރު ދަރިވަރަކު މި މަޤާމް ހާޞިލްކޮށްފައިވެއެވެ.

މީގެއިތުރުން އެކިއެކި ކޯސްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އެކޮލެޖުންދޭ "ޓޮޕް ސްޓޫޑަންޑް އެވޯޑް"ވެސް ރޭގެ ރަސްމިއްޔާތުގައި ދީފައިވެއެވެ. މި އެވޯޑް 15 ދަރިވަރަކު ހާސިލްކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ސަޢީދު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ޒުވާނުންތަކެއް ބިނާވެގެންދިއުމަކީ ޤައުމުގެ މުސްތަޤްބަލް އުޖާލާވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި މިދިޔަ އަހަރު އެކޮލެޖްގައި ކިޔަވައިދެއްވި އެދުރުންނާއި، އެކި ޕްރޮގްރާމްތަކުގައި ތަޢުލީމް ހާޞިލްކުރި ދަރިވަރުންގެ ތެރެއިން ތަޢުލީމީ ރޮނގުންނާއި، ޚިދުމަތުގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް އިޢުލާންކޮށް ޝަރަފްގެ އެވޯޑް ދީފައިވެއެވެ.