ކުޅިވަރު

ސުޒޭންގެ އެސިސްޓެންޓަކަށް ސަމްޕަތު!


މިސީޒަން ފެށިއިރު ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަކަށް ހުރި އަޝްރަފް ލުޠުފީ (ސަމްޕަތު) ސުޒޭންގެ އެހީތެރިއެއްގެ ގޮތުގައި ވިކްޓްރީގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވެއްޖެއެވެ.

މިސީޒަން ފަށައިގެން ފުރަތަމަ 3 މެޗުގައި ބެނާޑޯ ޓަވަރޭޒްގެ އެސިސްޓެންޓް ކޯޗަކަށް ހުރި ނިއުރޭޑިއަންޓްގެ ކުރީގެ ކުޅުންތެރިޔާ ވަނީ ނިއުގެ އެސިސްޓެންޓް ކޯޗުކަމުން އިސްތިއުފާ ދީފައެވެ. އޭރު އަޑުތައް ފެތުރުނީ ނިއުގެ ޖެނެރަލް ސެކެޓްރީ އަހުމަދު ނިޔާޒްއާއި މައްސަލަ ޖެހިގެން އިސްތިއުފާ ދިނީކަމަށެވެ. ނަމަވެސް އެކަން ނިޔާޒު ވަނީ ދޮގުކޮށްފައެވެ. 

ވިކްޓްރީގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އިއްޔެ ސަމްޕަތު ވިކްޓްރީގެ ބެންޗުން ފެނުނެވެ. ޢާއްމުކޮށް ތެދުވެ ނުޅޭ ސަމްޕަތު އިއްޔެވެސް ފެނުނީ މާޒިޔާއާ ދެކޮޅަށް މެޗު ކުޅުނުއިރު ބެންޗުގައި އިންތަނެވެ. ސަމްޕަތުގެ ކުރިން ވިކްޓްރީގެ ގޯލްކީޕަރު ޓްރޭނަރަކަށް ހުރި އަހުމަދު އަހުސަން (ބަރޯ) ނަން މިހާރު ވިކްޓްރީގެ ލިސްޓުން ވަނީ އުނިކޮށްފައެވެ. އޭނާއަކީ ބެންޗްގައި އިންނައިރު ދޭތެރެ ދޭތެރެއިން ގޮސް ހެޑް ކޯޗާ ވާހަކަ ދައްކާ ޓްރޭނަރެކެވެ. އޭނާ މިއަހަރު ވިކްޓްރީގެ ބެންޗަށް އައީ މިދިޔަ އަހަރު ޓީސީގައި މަސައްކަތްކުރުމަށްފަހުއެވެ.

އަޝްރަފް ލުޠުފީ މިދިޔަ އަހަރު ސީޒަންވެސް ފެށީ ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައެވެ. ސީޒަން ނިންމާލިއިރު އޭނާ އުފުލަމުން ދިޔައީ ކޯޗުގެ ޒިންމާއެވެ. ކުޅުންތެރިއެއްގެ ގޮތުގައިވެސް ސަމްޕަތު އެންމެ ބޮޑަށް ފާހަގަކުރެވުނީ ނިއުރޭޑިއަންޓްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ޤައުމީ ޓީމާ ކްލަބްތަކުގައިވެސް މޮޅު މިޑްފީލްޑަރެއްގެ އިތުރުން ޑިފެންޑަރެއްގެ ގޮތުގައި ފާހަގަކުރެވުނު ސަމްޕަތު ވެލެންސިޔާގެ އިތުރުން އީގަލްސްއަށްވެސް ކުޅުނެވެ.