ޚަބަރު

އެމްއެމްޕީއާރުސީގެ ތަހްޤީޤް ރިޕޯޓް މިމަހު ޢާއްމުކުރާނެ- އޭސީސީ


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން, އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި މިހާރު ކުރިއަށްދަނީ، ތަޙްޤީޤް ރިޕޯޓް ފައިނަލް ކުރުމުގެ މަސައްކަތްކަމަށާއި، މިމަހުގެ ކުރިއަށްއޮތް މަދު ދުވަސްތަކުގެ ތެރޭގައި ތަހްޤީޤް ރިޕޯޓް ޢާންމުކުރައްވާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދު ވިދާޅުވީ، ތަޙްޤީޤްގައި ބޭނުންވާ ބައެއް މަޢުލޫމާތުތައް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ އިދާރާތައް މެދުވެރިކޮށްވެސް ނަގާފައިވާކަމަށެވެ. އަދި ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލުކުރުމުގެ މަސައްކަތް، ބައެއްމީހުން ރާއްޖޭގައި ނެތުމުގެ ސަބަބުން ފުރިހަމަ ނުކުރެވޭކަމަށާ، ނަމަވެސް އޭސީސީއަށް ކުރެވެންހުރި އެންމެ ރަނގަޅަކަށް މިމަސައްކަތްކޮށް ތަޙްޤީޤް ރިޕޯޓް އެކުލަވާލައި ފައިނަލްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް މުޢައްވިޒް ވިދާޅުވިއެވެ.

އަމާޒަކީ މިމަހުގެ ކުރިއަށްއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރިޕޯޓް ޢާންމުކުރުންކަމަށް އޭސީސީގެ ނާއިބު ރައީސް މުޢައްވިޒް ވިދާޅުވިއެވެ.

"މި ރިޕޯޓް ވެގެންދާނީ މިހާތަނަށް އޭސީސީގައި ކުރެވުނު އެންމެ ބުރަ މަސައްކަތްތަކަށް. އަދި އެންމެ ބޮޑު ރިޕޯޓަކަށްވެސް ވެގެންދާނީ މި ރިޕޯޓް. އެންމެ ގިނަ އިންވެސްޓިގޭޓަރުން ޝާމިލްވެގެން އެންމެ ގިނަ ދުވަހު މަސައްކަތްކުރެވުނު މަސައްކަތަށްވެސް ވާނެ. ތަޙްޤީޤަށް މަޢުލޫމާތު އެއްކުރުމާއި ބޭނުންކުރި މެތަޑްތަކާއި، ތަޙްޤީޤްގައި އަޅުގަނޑުމެނަށް ދިމާވި ގޮންޖެހުންތައް ނައްތާލުމަށްތާކައި ކުރެވުނު މަސައްކަތްތަކަކީ އޭސީސީގެ ތާރީޚްގައި ކުރި ބުރަ އެންމެ ބޮޑު މަސައްކަތް." މުޢައްވިޒް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނުގެ މައްސަލަ ރައްދުވާ ބައެއް މީހުން ދިރިއުޅެމުން ގެންދަނީ ރާއްޖެއިން ބޭރުގައިކަމަށާ މިހާތަނަށް ކުރި މަސައްކަތުން ތަޙުޤީޤަށް އެ މީހުންގެ އެއްވެސް ބަހެއް ލިބިފައި ނުވާކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ. މައްސަލަ ރައްދުވާ ފަރާތްތަކުގެ ބަހެއް ތަޙްޤީޤަށް ނުލިބުނު ނަމަވެސް މައްސަލަ ނިންމަވައި ތަހްޤީޤް ރިޕޯޓް މިމަހު ޢާންމުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީން ކުރިން ވިދާޅުވެފައިވަނީ، އޮޑިޓް އޮފީހުން ޢާއްމުކުރައްވާފައިވާ މިމައްސަލައިގެ ފައިސާގެ ޢަދަދާއި އޭސީސީން ހޯއްދެވި މަޢުލޫމާތުން ލިބުނު ޢަދަދުގައި މާ ބޮޑު ތަފާތެއް ނެތްކަމަށެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމް.އެމް.ޕީ.އާރް.ސީން ދައުލަތަށް ވަންނަން ޖެހޭ 1.2 ބިލިއަން ރުފިޔާ ވަނީ ގެއްލިފައެވެ.