ކުޅިވަރު

ފުރަތަމަ 6 ގައި ކުޅުނު ފުރަތަމަ މުބާރާތުން މެޑަލް ހޯދި ލިބަރޯ!


އާންމުކޮށް ގިނަ ކުޅުންތެރިން ކުޅިވަރު ކުޅެން ފަށަނީ އެ ކުޅިވަރަކަށް މާ ބޮޑު ޝައުގުވެރިކަމެއް ހުރެގެނެއް ނޫނެވެ. މީހަކު އާދޭސްކޮށްގެން، ކޯޗެއްގެ އެދުމުގެ މަތިން ނުވަތަ އެކުވެރިންނާއިއެކު މަޖާ ކޮށްލުމަށެވެ. އަންހެން ވޮލީގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ލިބަރޯ ނުހާ ވަހީދު (ނުއްޕު)ގެ ވާހަކަވެސް ފެށެނީ މިކަހަލަ ގޮތަކަށެވެ.

ނުހާ ވަހީދު ނުވަތަ ނުއްޕު ވޮލީ އިންޓަރ ސްކޫލް މުބާރާތެއްގައި ވޮލީ ކޯޓަށް ނިކުތީ މި ކުޅިވަރުގައި ކުރިއަށްދާން ވިސްނައިގެނެއް ނޫނެވެ. މާބޮޑު ޝައުގުވެރިކަމެއް ހުރެގެނެއްވެސް ނޫނެވެ. އެތްލެޓިކްސްގައި ކުރިއަށްދާން ނިންމައިގެން ހުރި ނުހާއަށް ވޮލީގައި ކުރިއަށްދެވޭނެކަން އެނގުނީ އިންޓަރ ސްކޫލް މުބާރާތުންނެވެ. 2007 ވަނަ އަހަރު އިންޓަރ ސްކޫލް ފުރަތަމަ މުބާރާތުން ލިބުނު ކާމިޔާބާއިއެކު އޭރު އިރުޝާދުދިން ނާނު ކޯޗުގެ އެދުމުގެ މަތިން އިތުރަށް ވޮލީގައި ކުރިއަށްދާން ނިންމިއެވެ.

img:http://s3.psmnews.mv/images/660x400/14931392031710.jpg|ގައުމީ ޓީމްގެ ކުޅުންތެރިންނާއިއެކު ނުހާ / ފޮޓޯ : ވީއޭއެމް

2007، 2008 އަދި 2009ގެ އިންޓަރ ސްކޫލް މުބާރާތުގައި ލިބުނު ކާމިޔާބާއެކު ވޮލީގައި ކުރިއަށްދާން ބޮޑު ފުރުސަތެއް ނުހާއަށް ލިބުނެވެ. 19 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމް އެކުލަވާލަން ނެގި ސްކޮޑުން އޭނާއަށް ފުރުސަތު ލިބުނެވެ. ވޮލީގައި ކުރިއަށްދާން ހަގީގީ ޝައުގުވެރިކަން އުފެދުނީ މިހާ ހިސާބުންކަމަށް ނުހާ ފާހަގަކުރެއެވެ.

"އަސްލު ފުރަތަމަ އިންޓަރ ސްކޫލް ކުޅުނީ އެހާ އިންޓްރެސްޓް ހުރެގެނެއް ނޫން، އޭރު ހުރި ނާނު ކޯޗް ބުނި ކުރިއަށްދެވޭނޭ، ސްކިލް އެބަހުއްޓޭ، އިންޓަރ ސްކޫލަށްފަހު ލިބުނީ އަންޑަރ 19 ވައިޑީޕީން ޗާންސް ނެޝަނަލް ސްކޮޑަށް އަރަން"

އެންމެ ފުރަތަމަ ނުހާ ވޮލީ ކޯޓު ފަޅުފިލުވައިދިނީ ސެޓަރެއްގެ މަގާމުންނެވެ. އިންޓަރ ސްކޫލްގައި ކާމިޔާބީ ހޯދީވެސް ސެޓަރަކަށް ކުޅެމުންނެވެ. 19 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދޭން ހުރި އަރޫނާ ކޯޗް ބޭނުންވީ ނުހާ ލިބަރޯއަކަށް ކުޅޭށެވެ. ވޮލީފައި ކުރިއަށްދާން ބޭނުންވާ ވަރުގެ އިސްކޮޅެއް ނެތުމާއި، ސްޕީޑަށް ބަލައި ކޯޗްގެ ބަހަށް ނުހާ ލިބަރޯއެއްގެ ގޮތުގައި މަސައްކަތްފެށިއެވެ.

img:http://s1.psmnews.mv/images/660x400/14931386449842.jpg|ގައުމީ ޓީމްގެ މެޗެއްގައި ނުހާ / ފޮޓޯ : ވީއޭއެމް

2010 ވަނަ އަހަރުން ފެށިގެން ކްލަބް ވޮލީން ނުހާ ފެންނަން ފަށައިފިއެވެ. ޤައުމީ ސްކޮޑުންވެސް ޖާގަ ހޯދަން ފަށައިފިއެވެ. 3 އަހަރުވީއިރުވެސް އޭނާއަށް ފައިނަލް ސްކޮޑުން ޖާގައެއް ލިބޭ ގޮތެއް ނުވިއެވެ.

ޤައުމީ ޓީމުން ޖާގަ ހޯދަން ނުހާ ކުރި މަސައްކަތް ކާމިޔާބުވީ 2014 ވަނަ އަހަރުގައެވެ. ކޮރެޔާގެ އިންޗިއޮންގައި އޮތް އޭޝިއަން ގޭމްސްގައި ވާދަކުރަން ނެގި ޤައުމީ ޓީމުން އޭނާއަށް ފުރުސަތު ލިބުނެވެ. ނަސީބު މިފަހަރު އޭނާއަށް ލަނޑު ދިނެވެ. އޭޝިޔަން ގޭމްސްއަށް ތައްޔާރުވާން ގައުމީ ޓީމް ނޭޕާލަށް ޓްރެއިނިންގ ދަތުރުގައިވެސް އޭނާ ބައިވެރިވިއެވެ. އެކަމަކު މުބާރާތަށް ނުގޮސް އޭނާ ޖެހުނީ މާލޭގައި މަޑުކުރާށެވެ. ބަނޑުބޮޑުކަން އެނގުމުން ޓީމާއި ވަކިވާން ޖެހުނެވެ.

މިހާ ހިސާބުން ޤައުމީ ޓީމްގެ ވާހަކަ ފަހަށް ބާއްވަމާ ހިނގާށެވެ. 2013 ވަނަ އަހަރު ނުހާއަށް ވޮލީން ލިބުނު އެންމެ އަގު ބޮޑު ހަދިޔާގެ ވާހަކަދައްކަމާ ހިނގާށެވެ. ގައުމީ ފިރިހެން ވޮލީ ޓީމްގެ ސެންޓަރ ބްލޮކަރ މުޙައްމަދު އަހުސަންގެ ވާހަކައެވެ. ނުހާ ފާހަގަކުރާ ގޮތުގައި ވޮލީގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ބާރަކީ އަހުސަންގެ އެހީތެރިކަމާއި، ހިތްވަރެވެ. އަބަދުވެސް އަނބިމީހާގެ ޒިންމާތަކަށްވުރެ ބޮޑަށް އަހުސަން ވޮލީގައި ކުރިއަށްދާން ދޭ ހިތްވަރެވެ. 2015ގައި ދަރިއެއް ލިބުނު ހިސާބުން ނުހާ ވޮލީއާއި ކުޑަދުވަސްކޮޅަކަށް ދުރަށްދާން ޖެހުނެވެ.

img:http://s1.psmnews.mv/images/660x400/14931386180460.jpg|ނުހާ، ފިރިމީހާ އަހުސަން އަދި ދަރިފުޅު އަލްސަންއާއިއެކު

"އަހުސަން އަސްލު ވަރަށް ސަޕޯޓިވް، ވަރަށް ހިތްވަރު ދޭނެ، ބޭބީ ލިބުނު ފަހުންވެސް މި ކުޅެނީ، މެޗެއް އޮވެއްޖެއްޔާ އަހުސަން ބޭބީ ބަލާނެ، ނުހާއަށް އެއްވެސް ކަމެއް ނުޖައްސާނެ، ވަރަށް ފަސޭހަ އެހާ އަންޑަސްޑޭންޑިންގ ހަސްބަންޑެއް ހުރީމަ"

ނުހާ މިހާރު ބޭނުންކުރާ ޖާރޒީ ނަންބަރަކީ އަހުސަންވެސް ބޭނުންކުރާ ނަންބަރެވެ. ދެ ކުޅުންތެރިން ކުޅޭ މަޤާމް ތަފާތަސް އެކަކު އަނެކަކުގެ ޒިންމާތައް ވަރަށް ރަނގަޅަށް އިނގެއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގައި ކޮންމެ ވަގުތަކު ހުރުމަކީ ކެރިއަރުގައި ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމުގެ ގޮތުގައި ނުހާ ސިފަކުރެއެވެ.

ދެން މިއޮތީ ނުހާގެ ވޮލީގެ އެންމެ ކުލަގަދަ ސަފްޙާއެވެ. ގައުމީ ޓީމާއިއެކު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކޮށްލަން ލިބުނު ފުރުސަތުގެ ވާހަކައެވެ. 2017 ވަނަ އަހަރުގެ ކުރީކޮޅު މާލޭގައި އޮތް އޭޝިއަން ސެންޓްރަލް ޒޯން ވުމަންސް ވޮލީބޯޅަ މުބާރާތަށް ނެގި ޓީމުން ނުހާއަށް ފުރުސަތު ލިބުނެވެ. ހިތްވަރާއިއެކު ކުރި މަސައްކަތުން ޓީމްގެ ފުރަތަމަ ލިބަރޯއަކީވެސް އޭނާއެވެ. ކުޅުނު ހުރިހާ މެޗެއްގައި ނުހާ ކުޅުނުއިރު، ޤައުމީ ޓީމް ތަމްސީލްކުރި ފުރަތަމަ މުބާރާތުން ކަރުގައި މެޑަލް އަޅުވާލުމުގެ ޝަރަފްވެސް ނުހާ ހޯދިއެވެ.

img:http://s4.psmnews.mv/images/660x400/14931388326559.jpg|ސެންޓްރަލް ޒޯން ކޮލިފައިންގެ ލޯ މެޑައްޔާއިއެކު ނުހާ / ފޮޓޯ : ވީއޭއެމް

"ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ޤައުމީ ޓީމަށް އަލަށް ކުޅުނު އަހަރު ފުރަތަމަ ހައެއްގައި ކުޅެފައި، އެ މުބަރާތުން މެޑަލް ލިބުން. މިހާރު އަޒުމަކީ މިއަށްވުރެ ރަނގަޅު ކާމިޔާބީ ހޯދުން ޤައުމީ ޓީމާއިއެކު."

ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން ނުހާއަށް އެންމެ މޮޅު ކުޅުންތެރިޔަކީ އައިޝަތު މާޖިދާއެވެ. ހައްވާ ރާޝިދާ، އައިޝަތު ޝައްފަ އަދި އައިމިނަތު އަރީޝާގެ ހުނަރުވެސް ނުހާ ފާހަގަކުރެއެވެ. އެކަމަކު ޑިފެންސާއި އެޓޭކަށް ބަލާއިރު ނުހާ އެންމެ ފާހަގަކޮށްލާ ކުޅުންތެރިޔަކީ މާޖިދާއެވެ.

img:http://s1.psmnews.mv/images/660x400/14931385548836.jpg|ގައުމީ ޓީމްގެ ޖޫޒާން، ޝައްފަ އަދި މާޒިދާއާއިއެކު ނުހާ / ފޮޓޯ : ވީއޭއެމް

ކެރިއަރުގައި މިހާ ހިސާބަށް އާދެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއިއެކުކަން ނުހާ ޤަބޫލުކުރެއެވެ. އާއިލާގެ މެމްބަރުންނެވެ. ލޯބިވާ ފިރިމީހާއެވެ. އެންމެ ފުރަތަމަ ކޯޓަށް ނެރުނު ނާނު ކޯޗެވެ. އޭގެ ފަހުން ހަސަން ކޯޗެވެ. ޝުއައިބް ކޯޗާއި ކުޅެފައިވާ ހުރިހާ ޓީމަކަށް އިރުޝާދުދިން ކޯޗުންނެވެ. އެންމެ ބޮޑަށް ފާހަގަކޮށްލާ އެއް ނަމަކީ މިހާރުގެ އަންހެން ޤައުމީ ވޮލީ ޓީމްގެ ކޯޗް އަހުމަދު އަދީލް(ބޭބެ) އެވެ. ނުހާ ފާހަގަކުރާ ގޮތުގައި ލިބަރޯއެއްގެ ގޮތުގައި އެންމެ ބޮޑަށް ކުރިއަށްދާން އެހީތެރިކަން ލިބުނީ ބޭބެގެ ފަރާތުންނެވެ.