ޚަބަރު

ޔާމީން ރަޝީދު މަރާލި މީހުން ދެނެގަނެވިއްޖެ - ފުލުހުން


މިދިޔަ ހޮނިހިރުދުވަހުގެރޭ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، ޔާމީން ރަޝީދު މަރާލި މީހުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ، ޔާމީން ރަޝީދު މަރާލުމުގައި ބައިވެރި މީހުންނާ ބެހޭ މަޢުލޫމާތު ލިބިފައިވާ ކަމަށާއި ވީޑީއޯތައް ވެސް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ވީޑިއޯ އާއި ފޮޓޯ ފުލުހުން މިހާރު އެނަލައިސްކޮށް އެކަމާގުޅޭ ތަހްޤީގް ކުރައްވަމުންދާކަމަށެވެ. 

ފުލުހުން ވިދާޅުވީ، ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވާ މީހުން ވީޑިއޯ ފުޓޭޖްތައް ބަލައިގެން ދެނެގަނެވިފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ޔާމީން ރަޝީދުގެ މަރާ ގުޅިގެން މިހާތަނަށް ތަހްޤީގަށް ލިބިފައިވާ މަޢުލޫމާތު ހިއްސާކުރައްވަމުން އެސިސްޓެންޓް ކޮމިޝަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، އެ ސަރައްޙަދުގައި ހުރި ސީސީ ޓީވީ ފުޓޭޖްތައް ބަލައި އިތުރަށް އެނަލައިޒްކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި  ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު ސަރަޙައްދުން ފިޒިކަލް ހެކިތަކެއް ލިބިފައިވާކަމަށްވެސް ނަވާޒް ވިދާޅުވިއެވެ.

tw:https://twitter.com/PSMnewsmv/status/856839574454247425 ފުލުހުން މިއަދު ވަނީ މި ޔާމީން ރަޝީދަށް ހަމަލާދިންކަމަށް ބެލެވޭ ދެމީހެއްގެ ފޮޓޯ އާއްމުކުރައްވާފައެވެ. މި ފޮޓޯތަކުން ދެ މީހަކު، ޔާމީން ރަޝީދު މަރުވެފައި އޮއްވާ ފެނުނު ގޭތެރެއަށް ވަންނަތަނާއި ނުކުމެގެ ދާތަން ފެނެއެވެ.ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނާއި އެ މަޢުލޫމާތުތައް ހިއްސާކުރުމަށް އެދޭކަމަށެވެ. އަދި މި މީހުން ހައްޔަރުކުރުމުގައި އާންމުންގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދު އޭނާ ދިރިއުޅޭ ގޭގެ ސިޑި ދަށުގައި މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހޮނިހިރުދުވަހުގެ ރޭ ދަންވަރު 2:59 ހާއިރުއެވެ. ޔާމީނުގެ ހަށިގަޑުގެ 14 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.