ޚަބަރު

ޔާމީންގެ މަރުގެ ތަޙްޤީޤަށް ހުރަސް ނޭޅުމަށް އިލްތިމާސް ކުރައްވައިފ


މިދިޔަ ހޮނިހިރު ދުވަހުގެރޭ އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤަށް ހުރަސް އެޅޭފަދަ އެއްވެސްކަމެއް ނުކުރުމަށާއި އެފަދަ އެއްވެސް މަޢުލޫމާތެއް ނުފެތުރުމަށް ފުލުހުންނާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

މިކަމަށް އިލްތިމާސްކުރައްވާ ފުލުހުން ވިދާޅުވީ، ޔާމީންގެ މަރުގެ ތަޙްޤީޤްކުރައްވަމުން ގެންދަވާ މިދަނޑިވަޅުގައި، އެ ޙާދިސާއާއިގުޅޭގޮތުން އެކި ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް ޚަބަރާއި މަޢުލޫމާތު މީޑިއާގައި ފަތުރަމުންދާނަމަ އެކަމުގެ ސަބަބުން މި މައްސަލައިގެ ތަޙްޤީޤަށް ހުރަސްއެޅި، ކުރައްވާ މަސައްކަތުގެ ނަތީޖާއަށް އަސަރުކޮށްފާނެކަމަށް ޤަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން މިފަދަ މަޢުލޫމާތުތައް ހިމެނޭ ޚަބަރާއި ވީޑިއޯ އަދި ފޮޓޯ މީޑިއާތަކުން ޙިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޔާމީންގެ މަރުގެ މައްސަލައިގެ ތަޙްޤީޤާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ފުލުހުން މިއަދު މީޑިއާއާއި ޙިއްސާކުރައްވާފައިވެއެވެ. ފުލުހުން ވަނީ މި މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް ފުލުހުންނާއި އެ މަޢުލޫމާތު ހިއްސާކުރައްވައި، މި މައްސަލައިގެ ތަޙްޤީޤަށް ފުލުހުންނަށް އެހީތެރިވެ ދެއްވުމަށް ޢާންމުންގެ ކިބައިންވެސް އެދިވަޑައިގެންފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިކަމާ ގުޅިގެން ނެރުއްވި ސަރކިއުލާގައި ވަނީ ފުލުހުން އެދިވަޑައިގެންފައިވާގޮތަށް މި މައްސަލައިގެ ތަޙުޤީޤަށް ހުރަސްއެޅޭނެފަދަ ނުވަތަ ޢާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދުތަކަށާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ އިމުގެ ތެރެއިން މަސައްކަތްކުރުމަށް ސަމާލުކަން ދެއްވުމަށްވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.