ތަޢުލީމު

"ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ" ފަށައިފި


"ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަހާސިންތާ ފަށާފައިވާއިރު، މިއީ އެންމެހާ ދަރިވަރުން ޝާމިލްވާފަދަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކޮށް އެނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން ބާއްވާ މަހާސިންތާއެކެވެ. މި މަހާސިންތާގެ މަޤުސަދަކީ  އުގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދެއްވާ ޓީޗަރުން އިތުރަށް ހަރުދާނަކުރެއްވުމެވެ. މި މަހާސިންތާގެދަށުން އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދެއްވާނެ ޑިގްރީ ފެންވަރުގެ 23 ޓީޗަރަކު ސްކޫލްތަކާ އަލަށް ގުޅޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ ޓީޗަރުން ހަމަޖެހިގެންދާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

img:http://s1.psmnews.mv/images/660x400/14930946689064.jpg|ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ އިފްތިތާޙްކޮށްދެއްވުމުގެ ތެރެއިން - ޕީއެސްއެމް ފޮޓޯ: ޢަލީ ނަސީރު

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްވަނީ އެންމެހައި ދަރިވަރުން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިމުކުރައްވައި އެނިޒާމު ހަރުދާ ކުރައްވަން ސަރުކާރުން ކުރައްވާ މަސައްކަތްތަކާބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އުގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދެއްވާ ޓީޗަރުންނަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިންގައި، 217 ޓީޗަރުން ފާއިތުވީ 2 އަހަރުގެ ތެރޭގައި ތަމްރީނުކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އަލަށް ފަރުމާކޮށްފައިވާ ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހުގައި، އޯޓިޒަމަށް ޚާއްޞަ މޮޑިއުލެއް ހިމާނާފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިއަދު ފެށްޓެވި "ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ"ގެ ސަބަބުން ޙާސިލްވާނެ ކަންކަމާއި، ސަރުކާރުގެ އަމާޒުތަކުގެ މައްޗަށް އެކަމަނާ މިއަދު އަލިއަޅުއްވައިލެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14930952688220.jpg|"ޝާމިލްކުރުމުގެ ތަޢުލީމީ މަހާސިންތާ" އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ - ޕީއެސްއެމް ފޮޓޯ: ޢަލީ ނަސީރު

އެއްވެސް ކުއްޖަކު ބާކިނުކުރުމާއި، އެންމެހާ ދަރިވަރުން ޝާމިލްވާ ތަޢުލީމީ ނިޒާމެއް ޤާއިކުރައްވައި އެނިޒާމު ހަރުދަނާ ކުރައްވަން ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނައި، ނުކުޅުންތެރިކަން ހުންނަ ދަރިވަރުންނަށް ދަޢުލީމުދޭ ނިޒާމު ހަރުދަނާކުރައްވައި އެފަދަ ކުދިންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.