މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއަރ ލީގުން ރެލިގޭޓްވި ނިއުކާސްލް ޔުނައިޓެޑް އަލުން ޕްރިމިއަރ ލީގަށް ކޮލިފައިވެއްޖެއެވެ.
އިނގިރޭސި ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ނިއުކާސްލް ކުރިއަށް އޮތް ސީޒަނަށް ޕްރިމިއަރ ލީގުގެ ޖާގައެއް ޔަޤީން ކުރީ ޗެމްޕިއަންޝިޕްގެ ދެވަނަ މަޤާމް ކަށަވަރުކޮށްގެނެވެ.
ރޭ ޕްރެސްޓަން ނޯތް އެންޑާއި ބައްދަލުކުރި މެޗު ނިއުކާސްލް ކާމިޔާބުކުރީ 4-1 ނެވެ.
މިމެޗުގައި ނިއުކާސްލް ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އަޔޯޒީ ޕެރޭޒްއެވެ. އަނެއް ދެ ލަނޑު އެޓީމަށް ޖަހައިދިނީ ކްރިސްޓިއަން އަޓްސު އާއި މެޓް ރިޗީއެވެ.
މިމެޗުގައި ޕްރެސްޓަން ނޯތް އެންޑްގެ ކުޅުންތެރިއަކަށް ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ބޯޅައިގައި އަތް ލުމުގެ ސަބަބުން ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ނިއުކާސްލްގެ ސެއިންޓް ޖޭމްސް ޕާކްގައި ކުޅުނު މެޗަށް މުޅި ދަނޑު އޮތީ ފުރާލާފައެވެ. އަދި ޓީމު ޕްރިމިއަރ ލީގަށް އަލުން ކޮލިފައިވުމާއެކު އެޓީމުގެ ސަޕޯޓަރުން ވަނީ އުފާފާޅުކޮށް ގިނަ އިރުތަކެއް ވަންދެން ދަނޑުތެރޭގައި އަޑު އުފުލާފައެވެ.
ނިއުކާސްލް ޕްރިމިއަރ ލީގުގެ ޖާގައެއް ޔަގީންކޮށްފައި މިވަނީ އެޓީމް ރެލިގޭޓް ވިތާ 348 ދުވަސް ފަހުންނެވެ.
ޕްރިމިއަރ ލީގު ކޮލިފިކޭޝަން އާއި އެކު ނިއުކާސްލްއަށް ސަތޭކަ މިލިއަން ޕައުންޑަށްވުރެ ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ.