ކުޅިވަރު

އަސަދުﷲއާއި އުމެއިރުއަށް ސަމާލުވާންޖެހޭ - ސުޒޭން


އަސަދުﷲ އާއި އުމެއިރު އަކީ މިހާރު ތަފާތު މޮޅު ދެ ކުޅުންތެރިން ކަމަށާއި، އެ ދެ ކުޅުންތެރިންނަށް ސަމާލު ނުވެވިއްޖެ ނަމަ ލަނޑު ލިބޭނެކަމަށް ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

މާލޭ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ މާޒިޔާގެ ފަރާތުން މިފަހަރު ތަފާތު ފެންނަކަމަށާއި، އެކަން އެ ޓީމުގެ ސްކޮޑުންވެސް ފެނިގެންދާކަމަށެވެ. އަދި އެ ޓީމު އެންމެ ފަހުން އޭއެފްސީ ކަޕްގައި ކުޅުނު މެޗު އިންޑިޔާގައި ކާމިޔާބު ހޯދާފައި އޮތުމަކީ މި މެޗަށް ނިކުންނައިރު އެ ޓީމަށް އޮންނާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ސުޒޭން ބުންޏެވެ. އޭނާ ބުނީ ވިކްޓްރީންވެސް މިހާރު މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަންނަކަމަށާއި، އެހެންނަމަވެސް މިއަދުގެ މެޗުގައި އަސަދުﷲ އާއި އުމެއިރަށް ވަކިން ސަމާލުވާން ޖެހޭނެކަމަށެވެ. 

" މާޒިޔާ އޭއެފްސީ ކަޕްގައި ރަށުން ބޭރުގައި ކާމިޔާބު ހޯދުމަށްފަހު މި މެޗަށް ނިކުންނައިރު އެ ޓީމު އޮންނާނީ ވަރަށް ފޯމުގައި، ހާއްސަކޮށް އަސަދުﷲ އަދި އުމެއިރަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ." ސުޒޭން ބުންޏެވެ.

މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ބުނީ މެޗަށް ނިކުންނައިރު އޭނާގެ އެންމެ ބޮޑު ކަންބޮވުމަކީ ވަރުގަދަ މެޗެއް ކުޅުމަށްފަހު އެންމެ ފުރިހަމައަށް މި މެޗަށް ތައްޔާރު ނުވެވިދާނެތީއެވެ.  އެހެންނަމަވެސް ރަނގަޅަށް މަސައްކަތް ކޮށްފިނަމަ ވިކްޓްރީގެ މައްޗަށް ކުރި ހޯދޭނެކަމަށް ސެކުލޮވްސްކީ ބުންޏެވެ. އޭނާ ބުނީ ވިކްޓްރީއަކީވެސް ވަރުގަދަ ސްކޮޑެއް އޮތް، މޮޅު ކޯޗެއް ހިމެނޭ ބޮޑު ތާރީޙެއް އޮތް ކްލަބެއް ކަމުން އެ ޓީމަކީ ބަލިކުރަން ފަސޭހަ ޓީމަކަށް ނުވާނެކަމަށެވެ. އެހެންކަމުން މެޗަށް ނިކުންނާނީ އެކަމަށް ސަމާލުވެގެން ކަމަށް ސެކުލޮވްސްކީ ބުންޏެވެ.

" ވަރުގަދަ މެޗަކަށްފަހު ބޮޑު ދަތުރެއް ކޮށްފަ، އެނބުރި އައިސް އަނެއްކާ މެޗެއް ކުޅޭއިރު ކުޅުންތެރިން އެންމެ ފިޓްވާނެކަމާމެދު އަހަރެންނަށް ޝައްކު، އެހެންނަމަވެސް ވިކްޓްރީއާ ދެކޮޅަށް މަސައްކަތް ކޮށްފިނަމަ މޮޅުވެވޭނެ، އެ ޓީމަކީ ބޮޑު ކްލަބެއް، މޮޅު ކޯޗެއް ހުރި ވަރުގަދަ ޓީމެއް." ސެކުލޮވްސްކީ ބުންޏެވެ.

މާޒިޔާ މިވަގުތު ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކުގައެވެ. ވިކްޓްރީއަށް 4 މެޗުން ލިބިފައިވަނީ 2 ޕޮއިންޓެވެ.