ކުޅިވަރު

އުނދަގޫ މޮޅަކާއެކު ނިއުރޭޑިއަންޓް އަލުން 1 ވަނަ އަށް


އުނދަގޫ މޮޅަކާއެކު އެސްޓީއޯ މާލޭ ލީގު ތާވަލްގެ އެއްވަނައަށް ނިއުރޭޑިއަންޓް އަލުން ޖެހިލައިފިއެވެ. ނިއުރޭޑިއަންޓް ތާވަލްގެ އެއްވަނައަށް ޖެހިލީ 2-1 ން މިރޭ ޓީސީ ސްޕޯރޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 17 ވަނަ މިނިޓްގައި ނިއުއަށް ކާމިޔާބުކޮށްދިނީ އެޑްރިއަން ގަލާޑޯއެވެ. ގަލާޑޯ ގޯލް ޖެހީ އަލީ ފާސިރު ނަގައިދިން ބޯޅަ ގޯލް އޭރިޔާތެރޭގައި ހުރެ، ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ކުރިން ޕެނަލްޓީ އޭރިޔާ ރޮނގުމަތީ ހުރެ ހަމްޒާ މުޙައްމަދު ފޮނުވާލި ބާރު ބޯޅަ ދިޔައީ ކުޑަތަންކޮޅެއް މަތިންނެވެ. ގަލާޑޯގެ ލަނޑަށްފަހު އަލީފާސިރު ފޮނުވާލި ބޯޅަ ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މިހާފްގައި ޓީސީއަށް ރަނގަޅު ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފްގައި ނިއުއަށް ލީޑް ފުޅާކޮށްދިނީ މިދުހަތު ފަހުމީއެވެ. ލަނޑަށްފަހު އަނިޔާވެގެން ބޭލި ގަލާޑޯގެ ބަދަލުގައި ފުރަތަމަ ހާފްގައި ކުޅެން ނިކުއިން މިދުހަތު ޓީސީގެ ދެ ކުޅުންތެރިން ކައިރިން ސަލާމަތްވެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ހުޅަނގުފަރާތު ދަނޑީގައި ޖެހިފައެވެ. ޓީސީގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީއެވެ. މަހުދީގެ ބޯޅަ ގޯލްގެ ކަނަށް ފޮނުވާލީ ކީޕަރު އިމްރާނަށް އެއްވެސް ފުރުޞަތެއް ނުދީއެވެ. ލަނޑަށްފަހު މެޗު ކޮންޓްރޯލްކޮށް ކުޅުނީ ޓީސީންނެވެ. ލަނޑަށްފަހުވެސް އިބްރާހީމް މަހުދީ ރަނގަޅު ބޯޅައެއް ފޮނުވާލި ނަމަވެސް ކީޕަރު އިމްރާން ދިފާއުކުރިއެވެ. ދެވަނަ ހާފްގައި ހަމްޒާ މުޙައްމަދަށް އަނިޔާވެ ބަދަލުކުރުމާއިވެސް އެކު ކުރީގައި ގިނަ ވަގުތު ހުރީ އަލީ ފާސިރު (ސެންޓޭ) އެކަންޏެވެ.

ދެވަނަ ހާފްގައި ނިއުއިން އިތުރު ފުރުޞަތުތައް ތަނަވަސްކުރީ މެޗުގެ އިތުރު ވަގުތުގައި މުޙައްމަދު އައްޒާމަށް އަނިޔާވެ، އޭނާ ފޭބުން ޓީސީން އެއް ކުޅުންތެރިއަކު މަދުވި ހިސާބުންނެވެ. އައްޒާމްގެ ބަދަލުގައި އިތުރު ކުޅުންތެރިއަކު ނެރުމުގެ ފުރުޞަތު ނުލިބުނީ ޓީސީގެ ބަދަލުތައް ހަމަވެފައިވާތީއެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރޭގައި ސެންޓޭ މުޅިން ހުސްކޮށްލާފަ އަހުމަދު ސުހެއިލްއަށް ދިން ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ކޯނަރަކަށް ބޭރުކޮށްލިއެވެ. އަދި އަރިމަތިން އަހުމަދު ނުހާދު ނަގައިދިން ރީތި ބޯޅަ މިދުހަތު ފަހުމީ ފޮނުވާލުމުންވެސް ދިފާއުކުރީ ކީޕަރު ކިރަންއެވެ.

މިމޮޅާއެކު ނިއު ތާވަލްގެ އެއްވަނައަށް ޖެހިލީ 5 މެޗުން ހޯދި 12 ޕޮއިންޓާއެކުގައެވެ. ޓީސީ އޮތީ ހަތަރު މެޗުން 7 ޕޮއިންޓާއެކުގައެވެ. މާދަމާ ހަވީރު ވިކްޓްރީއާ ދެކޮޅަށް ނިކުންނަ މާޒިޔާ ވަނީ ތިން މެޗުން 9 ޕޮއިންޓް ހޯދާފައެވެ.

މެޗަށްފަހު ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނީ އެންމެ މުޙިންމުކަންތައް ހާޞިލްވެއްޖެ ކަމަށާއި، މިއީ ޓަފް މެޗެއްކަމަށެވެ. ނަމަވެސް މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުންކަން ކޯޗު ފާހަގަކުރިއެވެ.

" ތިނެއް ސުމަކުން މެޗު ނިންމާލަންވެސް ފުރުޞަތު ލިބުނު. ފުރަތަމަ ހާފްގައިވެސް ދެވަނަ ހާފްގައިވެސް ހުސް ފުރުޞަތުތައް ލިބުނު. ކޮންސެންޓްރޭޓް ގެއްލުނު ވަގުތުކޮޅެއްވެސް ދިޔަ. ޓީސީން ލަނޑު ޖެހީ އެވަގުތުކޮޅު. މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ. " ޓަވަރޭޒް ބުންޏެވެ.

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ މެޗުގެ ނަތީޖާކަމަށާއި، ޓީސީއަށް މެޗު ފަށައިގަނެވުނީވެސް ދަށްކޮށް ކަމަށެވެ. މެޗުގެ ތެރޭގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަނަމަވެސް ޕްރެސް ކޮންފަރެންސްގައި އެވާހަކަ ދައްކާކަށް ނިޒާމް ބޭނުމެއް ނުވިއެވެ.

" އިދިކޮޅުން ކުޅުނު ޓީމް މާތަފާތު ކުޅުމެއް ކުޅެގެނެއްނޫން ބަލިވީ. ޓީސީ މިރޭ ހަމަ ދަށީ. ފެށުންވެސް ދިޔައީ ވަރަށް ދަށްކޮށް. އެންމެ ބޮޑު ހިތްހަމަ ނުޖެހުމަކީ މެޗުގެ ނަތީޖާ " ނިޒާމް ބުންޏެވެ.