ވިޔަފާރި

ހައުސިންގ ސްކީމަށް އެެދުމުގެ ފުރުސަތު ހުޅުވާލައިފި





 


ސަރުކާރުން ފެށުމަށް އިޢުލާންކޮށްފައިވާ އާ ހައުސިންގ ސްކީމްގެ ދަށުން ފްލެޓަށް އެދުމުގެ ފޯމް ހައުސިންގ މިނިސްޓްރީން ދޫކުރަން ފަށައިފިއެވެ.


 
ހައުސިންގ މިނިސްޓްރީން ބުނީ އާ ހައުސިން ސްކީމަށް ކުރިމަތިލުމަށްޓަކައި  އެކަމަށް އެދޭ ފޯމް އެމިނިސްޓްރީން މިއަދު ދޫކުރަން ފަށާފައިވާކަމަށާއި، އެގޮތުން އައިޑީކާޑަކަށް ދޫކުރަނީ އެންމެ ފޯމެއްކަމަށެވެ. އަދި ދެމަސްދުވަސްވަންދެން ފޯމް ދޫކުރަމުންދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.


 
ފްލެޓަށް އެދޭ ފޯމްwww.gedhoruverikurun.gov.mv   އިން ޑައުންލޯޑްކުރެވޭނެކަމަވެސް އެމިނިސްޓްރީން ބުނެއެވެ.


    
ތިން ކެޓަގަރީއަށް ބަހާލައިގެން ކުރިއަށްގެންދާ މިސްކީމްގައި ދަފްތަރު މީހުން ވެސް ހިމެނޭ ގޮތަށް މާލޭގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ފްލެޓްތަކުގެ ސާޅީސް ޕަސެންޓް، ފަސް އަހަރަށް ވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ މީހުންނަށް ތިރީސް ޕަސެންޓް އަދި ގިނަ ބައެއް ނަން މަތީގައިވާ ގޯއްޗެއް، ހުރިހާ ފަރާތްތަކެއް އެއްބަސްވެގެން ދޫކޮށްލާ މީހުންނަށް ޚާއްސަ ކެޓަގަރީއަށް ފްލެޓްތަކުގެ ތިރީސް ޕަސެންޓް ބަހާލެވޭނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.


 
އާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމަށް ހުޅުމާލޭގައި އެގާރަސަތޭކަ ފްލެޓާއި ވިލިނގިލީގައި ސަތޭކަ ފަންސާސް ފުލެޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.މިފްލެޓްތަކުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭ ފެށޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.


 
މިސްކީމަކީ ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އިސްކަންދެވޭގޮތަށް ބައްޓަންކޮށްފައިވާ ސްކީމެއްކަމަށާއި، ކަނޑައެޅިފައިވާ ފްލެޓްތައް އެންމެ ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެކަމަށެވެ.


އެގޮތުން ޕޮއިންޓް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އުމުރާއި، ވަޒަންވެރިކަމުގެ ބަޔާއި، ދަރިންނާއި ގޯތިގެދޮރާއި ދިރިއުޅުމުގެ ހާލަތުގެ މައްޗަށްކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.


 
 


މި ސްކީމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކުގެ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލާނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.