ވިޔަފާރި

ފަސް ރުފިޔާގެ އައު ނޫޓު އަންނަމަހު ތަޢާރަފްކުރަނީ


ޕޮލިމާ ކަރުދާހުން ޗާޕުކޮށްފައިވާ ފަސް ރުފިޔާގެ އައު ނޫޓު، އަންނަ މަހުގެ 10 ވަނަ ދުވަހު ތަޢާރަފްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމަވައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ މިހާރު ބޭނުންކުރާ ފަސްރުފިޔާގެ ނޫޓުގެ ބަދަލުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ، ފަސް ރުފިޔާގެ އައު ނޫޓު އަންނަ މަހުގެ 10 ވަނަ ދުވަހު ތައާރަފްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، ފަސް ރުފިޔާގެ އައު ނޫޓު ބޭނުންކުރަން ފަށާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ. އައު ނޫޓު ތައާރަފްކުރަނީ އާއްމުންނަށް ހަމައެކަނި ދައްކާލުމަށްޓަކައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/5884.jpg|ރަންދިހަ ފަހެއް ނޫޓް ސީރީސްގެ ނޫޓްތައް - ފައިލް ފޮޓޯ: އެމްއެމްއޭ

ޕޮލިމާ ކަރުދާހުން ޗާޕްކޮށްފައިވާ މި ނޫޓުގައި ވެސް ރަންދިހަ ފަހެއްގެ ނޫޓްތަކުގައި ހުންނަ ގޮތަށް ފަހުގެ ސަލާމަތީ ފިޔަވަޅުތައް ވެސް ހިމެނިފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ނޫޓުގެ ފަރުމާކުރުން ވެސް ހުންނާނީ ފަހުގެ ނޫޓްތަކުގެ ކޮންސެޕްޓްގައި ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭ އިން މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ މުޅިން އާ ނޫޓް ސީރީޒްއެއް ނެރެފައެވެ. އެ ނޫޓް ސީރީޒްގައި ހިމެނެނީ، 10، 20، 50، 100، 500 އަދި 1000 ރުފިޔާ ނޫޓެވެ. އެމްއެމްއޭއިން ދިވެހި ރުފިޔާގެ އައު ނޫޓްތަކެއް ނެރުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުނު، ރަންޔޫބިލާއި ދިމާކޮށެވެ.