ކުޅިވަރު

ޝަވީދާއި މަރުޒޫޤަށްވެސް އިތުރު ދައުރަކަށް މަޤާމް ކަށަވަރުވެއްޖެ


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ރައީސް މުޙައްމަދު ޝަވީދާއި، ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫޤަށް އިތުރު ދައުރަކަށް މަޤާމް ކަށަވަރުވެއްޖެއެވެ. 

އެދެބޭފުޅުންނަށް މަޤާމް ކަށަވަރުވީ އޮލިމްޕިކް ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލެއްވުމުގެ މުއްދަތު ހަމަވިއިރު އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ. އެދެބޭފުޅުންގެ އިތުރުން ކުރިއަށް އޮތް ދައުރުގައި އޮލިމްޕިކް ކޮމިޓީގެ ނައިބުރައީސްއަކަށް ވާނީ އަހުމަދު ލަތީފެވެ. އޭނާއަކީ ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސްއެވެ. ޚަޒާންދާރުގެ މަޤާމް ޗެސް ފެޑެރޭޝަންގެ ހުސެއިން ރަޝީދަށްވެސް ވަނީ ކަށަވަރުވެފައެވެ. އޮލިމްޕިކް ޓީމް ކުޅިވަރާއި، އޮލިމްޕިކް އިންޑިވިޖުއަލް ކުޅިވަރާއި، ނޮން އޮލިމްޕިކް ބައިންވެސް ކުރިމަތިލެއް ފަރާތްތައް ވަނީ އިންތިޚާބަކާ ނުލާ ހޮވިފައެވެ. އެހުރިހާ މަޤާމްތަކަށްވެސް ކުރިމަތިލެއްވީ އިންތިޚާބުކުރަންޖެހޭ އަދަދަށެވެ. 

އިންތިޚާބު ބާއްވަން ޖެހެނީ ހަމައެކަނި އަންހެން ދެ މެމްބަރުން ހޮވާށެވެ. އެ މަޤާމަށް ތިން ފަރާތަކުން ވަނީ ކުރިމަތިލައްވާފައެވެ. އިންތިޚާބު އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންތިޚާބީ ކޮމެޓީގެ ފަރާތުން ޙުސައިން ސިރާޖު ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހު އޮންނަ އިންތިޚާބަށް އެކޮމިޓީން ފުރިހަމައަށް ތައްޔާރުވާނެކަމަށެވެ.