ތަޢުލީމު

ބުލީކުރުމާއި ދެކޮޅަށް ޚާއްޞަ ޕޮލިސީއެއް އެކުލަވާލައްވައިފި


ސްކޫލް މާހައުލުގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ޙާއްސަ ޕޮލިސީއެއް އެކުލަވާލައްވައި އެކަން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ، މި ފަދަ ޕޮލިސީއެއް އެކުލަވާލައްވައި ތަންފީޒުކުރެއްވުމުގެ ބޭނުމަކީ، ސްކޫލްތަކުގައި ދިމާވާ މިފަދަ މައްސަލަތަކުގައި ދަރިވަރުން އެކަހެރިކުރުމާއި ސަސްޕެންޑް ކުރުން ފަދަ ކަންކަން ހުއްޓުވައި، އޭގެ ބަދަލުގައި ދަރިވަރުންގެ ކިބައިން އެފަދަ އުޅުމެއް ފާހަގަކުރެވޭނަމަ ސްކޫލް ތެރެއިން އެކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރެއްވުމުގައި ބޭނުމުގައިކަމަށެވެ.

img:http://s2.psmnews.mv/images/660x400/14923519984738.jpg|އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް / ފައިލް ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ ދަރިވަރަކަށް ބުލީ ކުރުންފަދަ ކަމެއްދިމާވާނަމަ، ވަކި އުސޫލެއްގެ ތެރެއިން ކަނޑައެޅިގެން އެކަންކަން އަންގަން ޖެހޭފަރާތްތަކަށް އަންގާ އެމައްސަލަ މިހާރުވެސް ބަލަމުންދާކަމަށެވެ. އަދި މިފަދަ މައްސަލައެއް މިނިސްޓްރީ އަށް އެނގޭ ހިސާބުން އެކަންކަން މިނިސްޓްރީން އެޓެންޑް ކޮށް ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

މިނިސްޓަރ ވިދާޅުވީ ބުލީކުރުން ހުއްޓުވުމަށްޓަކައި އެކުލަވާލައްވާފައިވާ ޕޮލިސީ ހުރިހާ ސްކޫލްތަކަކަށް ފޮނުއްވަވާ، އެކަމާ ގުޅޭ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އަދި މި ޕޮލިސީއަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަމަލުކުރަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ. ސްކޫލް މާހައުލުގައި ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްޞަކޮށް، ބްލީކުރުންފަދަ ނަފްސާނީގޮތުން ދަރިވަރުންނަށް އަސަރުކުރާފަދަ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއްދީ އެފަދަ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.