ދުނިޔެ

3 ރެކޯޑަކާއެކު ލޮޓޭ ވޯލްޑް ޓަވަރު ހުޅުވައިފި


އެންމެ ބާރަށް ދަތުރުކުރާ ޑަބަލް ޑެކް ލިފްޓާއެކު، ލޮޓޭ ވޯލްޑް ޓަވަރ، ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގައި ހުޅުވައިފިއެވެ.

555 މީޓަރު ނުވަތަ އެއްހާސް އަށްސަތޭކަ ވިހި ފޫޓު އުސްމިނުގެ ލޮޓޭ ވޯލްޑް ޓަވަރަކީ ދެކުނު ކޮރެޔާގައި ހުރި އެންމެ އުސް ޢިމާރާތުގެ ރެކޯޑްގެ އިތުރުން ދުނިޔޭގެ ފަސް ވަނައަށް އެންމެ އުސް ޢިމާރާތްވެސް މެއެވެ. އަދި ދުނިޔޭގައި އެންމެ އުސްކޮށް ހަދާފައި ހުރި ގްލާސް ބޮޓަމް އޮބްޒަވޭޓަރީ ނުވަތަ މަތި ފިޔަވައި ހުރިހާ ފަރާތަކުން ބޭރު ފެންނަ ގޮތަށް ވަށައިގެން ބިއްލޫރިން ހަދާފައިވާ އޮބްޒަވޭޓަރީވެސް ހުރީ މި ޢިމާރާތުގައެވެ. އަދި ލޮޓޭ ވޯލްޑް ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓަކީ، ދެ ފަންގިފިލާއަށް ހަދާފައިވާ ލިފްޓުތަކުގެ ތެރެއިން އެންމެ ބާރަށް ދަތުރުކުރާ ލިފްޓުގެ އިތުރަށް މިފަދަ އެންމެ އުސް ލިފްޓެވެ.

img:http://s4.psmnews.mv/images/660x400/14930376801818.jpg|ލޮޓޭ ވޯލްޑް ޓަވަރ / މިތަނުގައި ހަރުކޮށްފައިވަނީ ދުނިޔޭގެ އެންމެ ބާރަށް ދުވާ ޑަބަލް ޑެކް ލިފްޓް

ސްކައި ޝަޓަލް ނަމަކަށް ކިޔާ މިލިފްޓުން، ޢިމާރާތުގެ އެންމެ ތިރިން، ޢިމާރާތުގެ އެންމެ މައްޗަށް ނުވަތަ 123 ވަނަ ފަންގިފިލައަށް ދާން ހޭދަވަނީ އެންމެ މިނެޓެކެވެ. މިލިފްޓުގެ ކޮންމެ ފަންގިފިލައެއްގައި 52 މީހުންގެ ޖާގަ އޮވެއެވެ.

މިލިފްޓުގައި ހަރުކޮށްފައިވާ އެއަރ ޕްރެޝަރ ކޮންޓްރޯލްކުރާ ސިސްޓަމް ތަރައްޤީކޮށްފައިވަނީ ލިފްޓްގެ ތެރޭގައި ތިބޭ މީހުންނަށް އެއްވެސް ގެއްލުމެއް ނުވާނޭހެން ވައިގެ ޕްރެޝަރ ކޮންޓްރޯކުރާ ގޮތަށެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްޤީކޮށްފައިވާ މި ސިސްޓަމްގެ ސަބަބުން، ބާރަށް ދަތުރުކުރާ ލިފްޓެއްހެން ހީވެސް ނުވާހާ ދަތުރު ފަސޭހަވާވެފައި ހަމަހިމޭން ވާނެއެވެ. މީގެ އިތުރަށް ލިފްޓުން ދަތުރުކުރާއިރު، ލިފްޓުގެ ވަށައިގެން ހަރުކޮށްފައިވާ އެލްސީޑީ ޓީވީތަކުން ސޯލްގެ ރީތި މަންޒަރުތައް ދައްކަމުންދާނެއެވެ. އަދި ލިފްޓް ދަތުރުކުރަމުންދާ ބާރުމިންވެސް ފެންނަން ހުންނާނެއެވެ.

img:http://s1.psmnews.mv/images/660x400/14930378549679.jpg|ލޮޓޭ ވޯލްޑް ޓަވަރުގެ ޑަބަލް ޑެކް ލިފްޓްގައި މީހަކު މަޑުކޮށްލައިގެން / މިލިފްޓުގެ ވަށައިގެން ރީތި މަންޒަރުތައް ދައްކުވައިދޭ އެލްސީޑީތައް ވަނީ ހަރުކޮށްފައި

އެމެރިކާގެ އޮޓިސް އެލެވޭޓަރ ކުންފުނިން ތަރައްޤީކޮށްފައިވާ މިލިފްޓް ތައްޔާރުކޮށްފައިވަނީ މިތަނުގައި ހަދާފައިވާ ބިއްލޫރި އޮބްޒަވޭޓަރީއަށް މީހުން ޒިޔާރަތްކުރާނެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ސަމާލުވެގެންކަމަށް ލޮޓޭ ކޯޕަރޭޝަންގެ މެނޭޖަރަކު ބުންޏެވެ. މިގޮތުން މިތަނަށް އަހަރަކު ފަންސާސް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ބެލެވޭކަމުގައި ލޮޓޭ ކުންފުނިން އަންދާޒާކުރެއެވެ.

img:http://s1.psmnews.mv/images/660x400/14930379778248.jpg|ލޮޓޭ ޓަވަރުގެ ގްލާސް ބޮޓަމް އޮބްޒަވޭޓަރީ / މިއީ ވަށައިގެން ބިއްލޫރިން ހަދާފައިވާ ތަނެއް

ލޮޓޭ ވޯލްޑް ޓަވަރުގެ އެންމެ މަތީގައި، 4 ސެންޓިމީޓަރުގެ ބޯމިން ހުންނަ ބިއްލޫރިން ހަދާފައިވާ ގްލާސް ބޮޓަމް އޮބްޒަވޭޓަރީން، ކޮރެޔާގެ ސޯލްގެ މަލަމަތި ވަރަށް ރީތިކޮށް ފެންނާނެއެވެ. ތަރައްޤީވެފައިވާ ސޯލްއާއި ފަރުބަދަތަކުގެ ރީތި މަންޒަރު މިތަނުން ފެންނާނެއެވެ. އަދި ވަށައިގެން ބިއްލޫރި ޖަހާފައި ހުރުމުން އެމަންޒަރު އިތުރަށް ފުރިހަމަވެގެންދެއެވެ. 

ކޮރެޔާގެ ލޮޓޭ އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން ކުންފުނިން ގާތްގަނޑަކަށް 3.4 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ލޮޓޭ ވޯލްޑް ޓަވަރުގައި ބިއްލޫރި އޮބްޒަވޭޓަރީގެ އިތުރަށް، ޝޮޕިންގ ކޮމްޕްލެކްސްތަކާއި އޮފީސްތަކާއި ހަތްތަރީގެ ޓޫރިސްޓް ހޮޓަލެއް ހުރެއެވެ. 

img:http://s1.psmnews.mv/images/660x400/14930381261318.jpg|ލޮޓޭ ވޯލްޑް ޓަވަރު /މިތަނުގައި ހަތް ތަރީގެ ޓޫރިސްޓް ހޮޓަލެއްވެސް ހުރޭ

މޭ ދެހާސް ނުވައެއްގައި ބިންގާ އަޅައި، ފެބްރުއަރީ ދެހާސް އެގާރައިގައި މަސައްކަތް ފެށި މި ޢިމާރާތުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. ސާޅީހަކަށް ފުޓްބޯޅަ ދަނޑުގެ ޖާގައިގެ ބިމެއްގައި ތަރައްޤީކޮށްފައިވާ މި ޢިމާރާތް ރަސްމީގޮތުން ހުޅުވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މި ޢިމާރާތް ރަސްމީގޮތުން ހުޅުވުމުގެ ކުރިން، މިދިޔަ ދެ އަހަރުވެސް، އައު އަހަރު ފާހަގަކުރުމަށް ބަޑިބޭހުގެ ކުލަގަދަ ޙަރަކާތްތަކެއް މިޢިމާރާތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

img:http://s3.psmnews.mv/images/660x400/14930379188645.jpg|އައު އަހަރު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން، ލޮޓޭ ޓަވަރުގައި ބަޑިބޭހުގެ ހަރަކާތްތަކެއް ކުރިއަށްދަނީ

މިޢިމާރާތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ ކޮރެޔާގެ ޘަޤާފަތުގެ ގޮތްތައް އަސްލަކަށް ބަލައިގެނެވެ.