ކުޅިވަރު

ސްޕެއިންގެ ތިން ކުޅުންތެރިންނާއިއެކު ތިނަދޫ ޓީމް ވަރުގަދަކޮށްފި


މިނިވަން ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ތިނަދޫ ފުޓްބޯޅަ ޓީމަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސް އެކުޅުންތެރިންނާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ތިނަދޫ ޓީމާއި ގުޅުނު ސްޕެއިންގެ ތިން ކުޅުންތެރިން ކްލަބާއިއެކު ސޮއިކުރުން އޮތީ ކިންގްސް ކޯނަރގައި އޮތް ރަސްމިއްޔާތެއްގައެވެ. 

އެއްބަސްވުމުގައި ތިނަދޫ ސްޕޯޓްސް ކްލަބްގެ ފަރާތުން ސޮއިކުރެއްވީ ކްލަބްގެ ރައީސް އަބްދުﷲ އަޙުމަދެވެ. ތިނަދޫ ޓީމާއި ގުޅުނީ ސްޕެއިންގެ ފޯވާޑަކާއި، މިޑްފިލްޑަރެއްގެ އިތުރުން ޑިފެންޑަރެކެވެ.

ތިނަދޫ ސްޕޯޓްސް ކްލަބްގެ ރައީސް އަދި އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވިދާޅުވީ މި ކުޅުންތެރިންނަކީ ފުޓްބޯޅައިގައި ތިނަދޫގެ ހަޤީޤީ މަޤާމަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ. މިނިވަން ޗެމްޕިއަންޝިޕްގައި އެޓީމްގެ އަމާޒަކީ ޕްރިމިއަރ ލީގަށް ކޮލިފައިވުންކަމަށާއި، އެހިސާބަށް ދިއުމަށް ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަން ތައްޔާރުވަމުން ގެންދަވާކަމަށެވެ.

ޓީމާއި އަލަށް ގުޅުނު ތިން ކުޅުންތެރިންނަކީ ސްޕެއިންގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ޓީމްތަކުގައި ކުޅެފައިވާ ކުޅުންތެރިންކަމަށާއި، ފޯވާޑަކީ ލަލީގާގެ ރިއަލް ސޮސިއެދާދްގެ ޔޫތް ޓީމަށްވެސް ކުޅެފައިވާ ކުޅުންތެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ތިނަދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދޭނީ ސައުދީއަރަބިއާ، އިނގިރޭސިވިލާތް ސްޕެއިން، ދުބާއީފަދަ ޤައުމުތަކުގެ ކްލަބްތަކަށް އިރުޝާދު ދީފައިވާ ސްޕެއިންގެ އަލްވޭސް ސަންޗޭޒް މިގުއެލްއެވެ.

އަބްދުﷲ އަޙުމަދު ވިދާޅުވީ ތިން ކުޅުންތެރިންނަކީވެސް ކޯޗުގެ ސިލެކްޝަން ކަމަށާއި، ސްރީލަންކާގެ ކީޕަރެއްވެސް ވަރަށް އަވަހަށް ޓީމާއި ގުޅޭނެކަމަށެވެ.

"ތިން ކުޅުންތެރިންނަކީވެސް ކޯޗްގެ ސެލެކްޝަން، ޓީމަށް އެންމެ ބޭނުންވާނެ ޑިޕާޓްމެންޓްތަކަށް ކުޅުންތެރިން ގެނެސްފައި މިހިރީ، މި ކުޅުންތެރިންގެ ސަބަބުން ތިނަދޫ ޓީމްގެ ޒުވާން ކުޅުންތެރިންނަށްވެސް ކުރިއެރުން ލިބޭނެކަމަށް ގަބޫލުކުރަނީ" އަބްދުﷲ އަޙްމަދު ފާހަގަކުރެއްވިއެވެ.

ތިނަދޫ ޓީމާއި ގުޅުނު ސްޕެއިންގެ ތިން ކުޅުންތެރިންނަކީ މާރޓިނޭޒް ރެނޮވަލޭސް، ކަރަސްކޯ ރޮޑްރިގޭޒް އަދި އިޒަގުއެ ޕެޗަރޯމަންއެވެ.

img:http://s2.psmnews.mv/images/660x400/14930307514379.jpg|ތިނަދޫ ޓީމަށް ސޮއިކުރި ރިއާލް ސޮސިއެދާދްގެ ޔޫތް ޓީމަށް ކުޅެފައިވާ ފޯވާޑް ޖާޒީއާއި ހަވާލްވަނީ

ތިނަދޫ ޓީމަށް ސޮއިކުރުމަށްފަހު ތިން ކުޅުންތެރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ބުނީ މިއީ އަމިއްލަ ޤައުމުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރުކަމަށާއި، ތިނަދޫ ޓީމްގެ ޓާގެޓްތައް ހާސިލްކުރުމަށް އެކުޅުންތެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި ކުޅުންތެރިންނާއިއެކު ޕްރެކްޓިސް ކުރަން ކެތްމަދުވެފައި ތިބިކަމަށް ތިން ކުޅުންތެރިންވެސް ފާހަގަކުރިއެވެ.

"އަލަށް ގައުމުން ބޭރުގައި ކުޅެލަން ފުރުސަތު މި ލިބުނީ، ކެތްމަދުވެފައި މިތިބީ މަސައްކަތް ފަށަން. އަހަރެމެންނަށް މި ފުރުސަތުދިނީތީ ތިނަދޫ ސްޕޯޓްސް ކްލަބަށް ޝުކުރު އަދާކުރަން" ރެނޮވަލޭސް ބުންޏެވެ.

ގދ.ތިނަދުއަކީ ފުޓްބޯޅައިގެ ވަރުގަދަ ތާރީޚެއް އޮތް ރަށެކެވެ. މިގޮތުން އެޓީމްވަނީ 1998، 1999، 2000، 2001 ވަނަ އަހަރު ޒޯން ޗެމްޕިއަންކަން ހޯދާފައެވެ. މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ތިނަދޫ ޓީމް އަންނަނީ ބިދޭސީ ކޯޗާއިއެކު މިހާރުވެސް ޕްރެކްޓިސް ކުރަމުންނެވެ.