ކުޅިވަރު

މޮންޓެކާލޯ ޓެނިސް މުބާރާތް ނަދާލް ކާމިޔާބުކޮށްފި


މޮންޓެކާލޯ މާރސްޓާސް ޓެނިސް މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔަކަށް ރަފައެލް ނަދާލް ވެއްޖެއެވެ.

މިއީ މި މުބާރާތުގެ ތަށި ރަފައެލް ނަދާލް ކާމިޔާބުކުރި ދިހަވަނަ ފަހަރެވެ. ނަދާލް ދިހަވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރީ އަލްބާރޓޯ ރާމޯސް ވިނޮލާސް ބަލިކޮށްގެންނެވެ. 

ނަދާލް ވަނީ މި މުބާރާތް 2005 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ދެމެދު ވިދިވިދިގެން އަށް ފަހަރު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފައިނަލްގައި ސްޕެއިންގެ ރަފައެލް ނަދާލް ވާދަކުރަން ޖެހުނީ ސްޕެއިންގެ ރާމޯސް ވިނޮލާސްއާއެވެ. މުބާރާތުގެ ހަތަރުވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަދާލް ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ ފަނަރަ ވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ރާމޯސް ވިނޮލާސްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. 

މި މެޗްގެ ސެޓްތައް ނަދާލް ގެންގޮސްފައިވަނީ ވަރަށް ފަސޭޙަކަމާއެކު 6-1، 6-3 ންނެވެ. މި މުބާރާތުގެ ދިހަވަނަ ތަށި ނަދާލް އުފުލާލިއިރު އޭނާއަށް ވަނީ އަންނަ މަހު ފްރެންޗް އޯޕަން މުބާރާތުގެ ދިހަވަނަ ތަށި އުފުލާލުމުގެ ފުރުޞަތުވެސް ލިބިފައެވެ.